Last Updated: March 29, 06:02
Friday, March 29, 2024
ޚަބަރު

30 އަހަރުވީ ހުޅުދޫ ބަނދަރަށް އަލްވާދު ކިޔާ އުފާވެރި މަންޒަރު

ހުޅުދޫގައި މިހާރު ހަދަމުންދާ އާ ބަނދަރާއި ކުރިން ބޭނުން ކުރަމުން އައި ބަނދަރު

އައްޑޫ ސިޓީ ހުޅުދޫ ބަނދަރުމަތިން ފެންނަމުންދަނީ މީގެ ދެ ދުވަސްކުރިއާ ހަމައަށް ބޭނުންކުރަމުން އައި އެރަށު ޒަމާންވީ ބަނދަރާ ދިމާއަށް މީހުން ބަލަހައްޓައިގެން ތިބޭ މަންޒަރެވެ. ޝައުގުވެރިކަމާއެކު މީހުން ބަލަމުން އެދަނީ މީގެ 30 އަހަރުކުރިން ސުރެ ބޭނުން ކުރަމުންއައި ބަނދަރުގެ ފަޅުތެރެއަށް ފަސްއަޅާ ފޮރުވާލާތަނެވެ. އާ ބަނދަރަކަށް މަރުހަބާ ކިއުމަށް މިހާރު ބޭނުންކުރަމުންދާ ފަޅަށް ފަސް އަޅަމުންދާއިރު މިއީ އެރަށުގެ ޒަމާންވީ މޫނުމަތި އެމީހުނަށް ހަމަލޮލުން ފެންނާނެ އެންމެ ފަހު ދުވަސްތަކެވެ. މި މަންޒަރާއެކު އަނެއްކޮޅުން ފެންނަނީ އަލަށް ހަދާ ބޮޑު ބަނދަރާއި ރަށުގެ އާ މަލަމައްޗެވެ. ތަރައްގީގެ އާ ދުވަސްތަކަކަށް އިރުއަރާތަނެވެ.

ހުޅުދޫގައި 1991 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ބަނދަރަކީ ރަށުގެ ރައްޔިތުންގެ އަމަލީ މަސައްކަތައް ނިކުމެ ހެދި ބަނދަރެކެވެ. އެ ބަނދަރު ހަލާކުވެ ބޭނުން ނުކުރޭވޭ ވަރުވުމުން މިހާރުގެ ސަރުކާރުން އެރަށުގައި އާ ބަނދަރެއް ހަަދަނީ އެމްޓީސީސީއާ ހަވާލުކޮށްގެނެވެ. ބިން ހިއްކުމާއެކު 742 މީޓަރު ދިގު ބަނދަރު ހަދާ ނިމޭއިރު ކުރީގެ ބަނދަރުގެ ފަޅުތެރެއަށް ފަސް އަޅާ ފޮރުވާލައި އެތަނަކީ ރަށުގެ ބިމުގެ ސަރަހައްދަކަށްވާނެ އެވެ. އޭގެ ކުރިން އެތަނުގައި ފަޅެއް އޮތް ހެންވެސް ހީނުވާނެ އެވެ.

ހުޅުދޫގައި މިހާރު ބޭނުން
ކުރަމުންދާ ބަނދަރުގެ ތެރެއަށް ފަސް އަޅަނީ

މި މަސައްކަތްބެލުމަށް ކޮންމެ ދުވަހަކުވެސް އެރަށުގެ އާއްމުން އަތިރިމަތީ ތިބެއެވެ. ހަމައެއާއެކު އަނެއް ބަޔަކު ލިބެމުންދާ ބޮޑު އުފަލާއެކު ހަވީރުގެ ސައި އެ ސަރަހައްދުގައި ބާއްވައިގެން އުފާ ފާޅުކުރެ އެވެ. އެ ބަނދަރުގެ އަމަލީ މަަސައްކަތް ފެށިފަހުން މިހާތަނަށް އެކި ފަހަރުމަތިން އެމްޓީސީސީއަށް ހުޅުދޫ ރައްޔިތުންގެ ވެދުން ގެންގޮސްފި އެވެ. ޝުކުރުގެ ޖިޒީތައް ކޮންމެ ދުވަހަކުހެން އެތަނަށް އޮހެމުންދެ އެވެ. އެރަށު މީހުން ތިބީ އާ ބަނދަރަށް މަރުހަބާ ކޔަން ކެތްމަދުވެފައި އެވެ.

ހުޅުދޫ ބަނދަރު ހަދާ ސަރަހައްދުގައި މިއަދު ބޭއްވި ހަވީރުގެ ސައި"-އެރަށު މީހުން ތިބީ އާ ބަނދަރަށް މަރުހަބާ ކޔަން ކެތްމަދުވެފައި

"ވަރަށް އުފާވޭ މި މަންޒަރު ފެނުނީމަ. އެކަމު 30 އަހަރަށް ފަހު ރަށަށް ބަނދަރެއް ލިބުމުން މި އިނގެނީ މީގެ ކުރީ ސަރުކާރުތަކުން ވެފައިވާ އިހްމާލު މި ރަށާ މެދު. މި މަސައްކަތަކީ މިއީ ތަރައްގީގެ އާ ފެށުމެއް ކަމަށް އަޅުގަނޑު ދެކެނީ. މި ބަނދަރު ހެދުމަށްފަހު ދެން އެއަށްވުރެ ބޮޑެތި ކަންތައްތައް ވެސް ފެށިގެންދާނެ،" މުޝްތާގު އިބްރާހިމް،57 ބުނީ މިހެންނެވެ.

ހުޅުދޫ ކައުންސިލަރުގެ އުއްމީދުތަކާ ބަނދަރާ ގުޅިފައި

މިއީ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ސިޓީ ކައުންސިލަރު ފައިޒުއްރަހްމާނަށް ވެސް ލިބޭ ބޮޑު އުފަލެކެވެ. އެ ބަނދަރަކީ ޒަމާނީ އާ ބަނދަރެއް ސިފަތަކާއެކު ތަރައްގީ ކުރެވޭ ބަނދަރަކަށްވާކަން އޭނާ އުފަލަކާއެކު ފާހަގަ ކުރައްވަ އެވެ. އަދި މިއީ އޭނާގެ އެރަށުން ދެކެން ބޭނުންވާ ތަރައްގީއާ ވެސް ގުޅިފައިވާ ބަނދަރެކެވެ. އެހެންވެ މުސްކުޅި ކުރީގެ ބަނދަރަށް އަލްވަދާއު ކިޔަން ޖެހޭތީ ކައުންސިލަރުވެސް ހުރީ އުފަލުންނެވެ.

"ހުޅުދޫގައި އަލަށް ހެދޭ ބަނދަރަކީ ކުރީގެ ބަނދަރަށްވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ބަނދަރަކަށްވާނެ. ސައިޒަށްބަލާއިރު މިއީ ބޭނުންކުރަމުންދިޔަ ބަނދަރަށްވުރެ ފަސް ގުނަ ބޮޑު ބަނދަރެއް. ބަނދަރު ނިމޭއިރު ބަނދަރު ވަށައިގެން ބޮޑު ސަރަހައްދެއް ހިއްކިގެންދާނެ. އަދި ބަނދަރު ވަށައިގެން ލައިޓްތައް ޖެހި ބަނދަރު ތެރޭގައި ފެން ދައުރުވާނެހެން ބުރިޖެއް އޮންނާނެ،" ފައިއްޒު ވިދާޅުވި އެވެ.

ކައުންސިލަރު ފައިއްޒުއަށް ލިބޭ އެންމެ ބޮޑު އުފަލަކީ އޭނާ ވިދާޅުވި ގޮތުން ޒަމާންތަކެއް ވަންދެން ރައްޔިތުންގެ ދެކެމުންއައި ހުވަފެން ހަގީގަތަކަށްވެ ރައްޔިތުން ތަމަހައްމަލުކުރަމުން އައި ދަތިއުނދަގުލުން ސަލާމަތްވުމެވެ. އަދި އެ ބަނދަރާއެކު ރަށުގެ ތަރައްގީގެ އިތުރު މަސައްކަތްތަކުގެ އިތުރު ޕްލޭންތައް ތަންފީޒުކުރަން ފަށަން ކައުންސިލަރު ހުންނެވީ ވެސް ކެތްމަދުވެފައި އެވެ.

" ކުރިއަށް އޮތްތަނުގައި މަސްވެރިންނާއި އޮޑިވެރިންނާއި އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކާއި ވިޔަފާރިވެރިންނާއި ޖުމްލަކޮށް ރަށުގެ ކުދިބޮޑު އެންމެނާއި ރަށަށް އަންނަ މެހްމާނުނަށް ފައިދާވާނެ ގޮތައް ބަނދަރު ސަރަހައްދު ޕްލޭންކުރެވި ހިދުމަތްތައް ފެށިގެންދާނެ."

މި މަޝްރޫގައި ހިމެނެނީ ކޮންކަންތައްތަކެއް؟

މި މަޝްރޫއު ނިމޭއިރު 114 މީޓަރުގެ ބޭރުތޮއްޓަކާއި 624 މިޓަރު ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ. އަދި އެއްގަމުތޮއްޓާއި ބޭރު ތޮށި ގުޅާލުމަށް 9 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް އެޅުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މި މަސައްކަތްތަކުގެ އިތުރަށް ބަނދަރުގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތިއާއި، ނެރު ބައްތިޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

ހުޅޫދޫގައި އަލަށް ތަރައްގީކުރާ ބަނދަރު:-މިއީ މިހާރު ބޭނުންކުރާ ބަނދަރަށްވުރެ ފަސް ގުނަ ބޮޑު ބަނދަރެއް

މިއީ ސަރުކާރުން 61.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫއާއެކު އޭނާގެ ޝުކުރު ސަރުކާރަށް ތަކުރާރުކުރައްވައި އެވެ. އަދި އެމްޓީސީސީން އެ މަސައްކަތްކުރަމުންދާއިރު އެހެނިހެން ގޮތްގޮތުން ވެދެމުންދާ އެހީތެރިކަން ކައުންސިލަރ ފައިއްޒު ފާހަގަ ކުރައްވަ އެވެ.