Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ނާޒިމާއި ރިޔާޒަކީ އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއް: ގާސިމް

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އަކީ އަމިއްލަ އެދުމުން ފޯވެފައި ތިބި ދެ ބޭފުޅުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވެފައިމިވަނީ ރިޔާޒާއި ނާޒިމް ޖޭޕީން ވަކިވެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ފާއިތުވި ދެ އަހަރު ޖޭޕީން ބޭއްވި 12 ކައުންސިލް ބައްދަލުވުމުގެ ތެރެއިން ނާޒިމް އާއި ރިޔާޒު ވަޑައިގެންނެވީ އެންމެ ބައްދަލުވުމަކަށް ކަމަށާއި ޕާޓީ އަށް އަލަށް މެމްބަރުން ސޮއިކުރުމަށް ބޭއްވި އެންމެ ބައްދަލުވުމެއްގައި ވެސް އެ ދެ ބޭފުޅުން ބައިވެރިވެފައި ނުވާ ކަމަށެވެ.

އަދި ޖޭޕީ އޮތީ ނިދާފައި ކަމަށް ނާޒިމް ވިދާޅުވާއިރު، އެ ދެ ބޭފުޅުން ތިއްބެވީ ގަދަ ނިދީގައި ކަމަށާއި މިހާރު ޣަރަގުވެގެންދާ މަންޒަރު ފެންނަމުންދާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ކަށަވަރު މި ދެ މީހުން އިސްވެ ތިބެގެން މި ހަދާ ޕާޓީއަކުން ރާއްޖޭގެ ރައްޔިތުންނަށް އެ ވިދާޅުވާ އެއްވެސް ރަނގަޅު ކަމެއްކޮށް ނުދޭނެކަން. އަމިއްލަ އެދުމުން ގޮސް ފޯވެފައި ތިބި ބައެއް" ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ޖޭޕީގެ ލޯގޯ ހިފައިގެން ގޮސް މަޖިލީހުގެ ގޮނޑި ރިޔާޒާއި ނާޒިމް ކާމިޔާބު ކުރެއްވިއިރު ކޮންމެ މީހަކަށް ތިން ހަތަރު، ފަސް މިލިއަން ރުފިޔާ ހަރަދުކުރެއްވި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން ޖޭޕީއޭ ކިޔާފައި ވާހަކަދައްކަން އެ ދެ ބޭފުޅުން ވެސް ލަދުގަންނަންޖެހޭނެ ކަމަށާއި އެ ދެ ބޭފުޅުންނަކީ އެއްވެސް ގޮތެއް ފޮތެއް ތިބި ދެ ބޭފުޅުން ނޫން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.