Last Updated: September 28, 14:12
Tuesday, September 28, 2021
ޚަބަރު

އަލީ ވަހީދުގެ ދިފާއުގައި ގާސިމް: ހީވަނީ ފްރޭމްކޮށްފައި ހުރިހެން!

ޖިންސީ ގޯނާގެ ދައުވާ އަދި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތެދުވެއްޖެ އެވެ.

ދައުވާތައް އުފުލާފައިވަނިކޮށް އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފައިވާއިރު، އަލީ ވަހީދަކީ ޖޭޕީގެ ރައީސްކަމުގެ މަގާމުގައި އަދިވެސް ހުންނެވި ފަރާތެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ އަލީ ވަހީދު ޖޭޕީގެ ރައީސްގެ މަގާމުން ވަކިކުރުމަކީ އޭނާ ކުރާ ކަމެއް ނޫން ކަމަށާއި އަލީ ވަހީދުގެ މައްޗަށް ޝަރީއަތުން މައްސަލައެއް އަދި ސާބިތުވެސް ނުވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ހިތްނުވެގެން ނޫން މި އުޅެނީކީ އެމަނިކުފާނު ހުރީ ފްރޭމްކޮށްފައި ނޫން ކަމަކަށް ވެސް. ބައެއް ފަހަރަށް އެހެން ވެސް ހިތަށް އަރާ. އެހެން ނޫންނަމަ ކީއްވެހޭ ނުވާންވީ ކަންތައްތަކެއް ވެގެން މިދަނީ" ގާސިމް ވިދާޅުވިއެވެ.

އެގޮތުން އަލީ ވަހީދުގެ ކެންސަލްކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓު ކެންސަލް ކުރަން ކޯޓަށް ހުށަހެޅުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި ނަމަވެސް މިނިވަން މުއައްސަސާއަކާ ދިމާލަށް އެއްޗެކޭ ބުނަން ބޭނުން ނުވާތީ އަޑި މަޑުކޮށްލައިގެން ހުރީ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަލީ ވަހީދުގެ މައްސަލަ ނިމިގެންދާއިރު، އަލީ ވަހީދުގެ ބޮލުގައި އެއްވެސް ކަހަލަ ޒިންމާއެއް އެޅުވޭނެ ކަމަކަށް ނުދެކެން. އެގޮތަށް އަންހެން ކުދިންތަކެއް ރޭޕްކުރަން މަސައްކަތްކޮށްފާނެ ކަމަށް ވަރަށް އުނދަގޫ ގަބޫލުކުރަން" ގާސިމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.