Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ޑީއާރްޕީގައި ހުރެ އެމްޑީޕީ ހިންގަން މަހަކު 50،000 ރުފިޔާ ދިނިން

ގާސިމް އާއި ރައީސް ނަޝީދު - ފޮޓޯ: ސަން

ޑީއާރްޕީގެ ނައިބު ޒައީމުގެ މަގާމުގައި ހުންނަވައިގެން އޭރުގެ އިދިކޮޅު ޕާޓީ ކަމަށްވާ، އެމްޑީޕީ ހިންގަން މަހަކު 50،000 ރުފިޔާ ދެއްވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ޖޭޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ޑީއާރްޕީގެ ނައިބު ޒައީމުގެ މަގާމުގައި ހުންނަވައިގެން އެމްޑީޕީ ހިންގާނެ ފައިސާއެއް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުންތައް ބާއްވާނެ އޮފީހެއް ވެސް ނެތުމުން މަހަކު 50،000 ރުފިޔާ ދެއްވި ކަމަށެވެ.

"އަޅުގަނޑު ދިނިން އެމްޑީޕީ ހިންގަން 50،000 ރުފިޔާ މަހަކު. އަދި އެ މީހުން ފުރަތަމަ ބޭއްވި ގައުމީ ކޮންފަރެންސް ބާއްވަން ތިން ލައްކަ ރުފިޔާ ދިނިން. މިއީ ހަމަ ހައްގު ތެދު. އޮފްކޯޒް ޑީއާރުޕީއަށް މިލިއަނުން ހަރަދުކޮށްފައި ހުންނާނެ" ގާސިމް ވިދާޅުވިއެވެ.

އަދި އެމްޑީޕީ އަށް މީހުން ވައްދަން ވެސް ހަރަދުކުރެއްވި ކަމަށާއި އެގޮތުން ސިޔާސީ މަސްރަހު ރަނގަޅު ގޮތެއްގައި އޮންނާނީ އިދިކޮޅުން ވެސް މަސައްކަތް ކުރާނެ ޕާޓީއެއް އޮވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އެހެންވީމާ އެ އޮޕޮޒިޝަން ދެމެހެއްޓުމަށްޓަކައި، އަޅުގަނޑު ބޭނުމެއް ނޫން އެ އޮޕޮޒިޝަން ފުނޑާލާކަށް. އޮފްކޯޒް، އެމްޑީޕީގައި ތިބި އަޅުގަނޑުމެންގެ ގާތް ވަރަށް ގިނަ ރައްޓެހިން. އަޅުގަނޑު ވެއްދި މީހުން އެތައް ސަތޭކައެއް، އެތައް ހާހެއް އެތާ ތިބޭނެ" ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން އެމްޑީޕީ އާއި ޕީޕީއެމް އަކީ އަކީ ވެސް ވަރަށް ލޯބިވެވަޑައިގަންނަވާ ދެ ޕާޓީ ކަމަށާއި އެކަމަކު އެމްޑީޕީ އާއި ވެސް އަދި ޕީޕީއެމް އާ ވެސް ގުޅިވަޑައި ނުގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެއީ ލީޑަރުންގެ ޚިޔާލުތަފާތުވުމުގެ ސަބަބުން ޕާޓީ ތެރޭގައި ކޯޅުންގަނޑެއް އޮންނަން ބޭނުންފުޅު ނުވާތީ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.