Last Updated: July 2, 23:14
Thursday, July 3, 2025
ޚަބަރު

ޖަލުގައި މީހަކު މަރުވުމަކީ އެމްޑީޕީއަށް ސަމާސާ ކަމެއް ނޫން، ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ

މެމްބަރު ހަސަން ލަތީފް - ފޮޓޯ: މަޖިލިސް

ޖަލެއްގައި މީހަކު މަރުވުން ނުވަތަ އަނިޔާ ކުރުމަކީ އެމްޑީޕީއަށް ސަމާސާ ކަމެއް ނޫންކަމަށާއި، އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭ ޖަލުގައި ގައިދީއެއް މަރުވި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ހުށަހެޅުމުން ދެއްކެވި ވާހަކައިގައެވެ. މި ކުއްލި މައްސަލަ ހުށަހެޅުމަށްފަހު ދެއްކެވި ވާހަކައިގައި އާދަމް ޝަރީފް ވަނީ މި ފަދަ މައްސަލަތައް ބެލުމުގައި ހިއުމަން ރައިޓްސް ކޮމިޝަން ރަނގަޅަން މަސައްކަތްނުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އާދަމް ޝަރީފްގެ އެ ވާހަކައަށް ހަސަން ލަތީފް ވަނީ ރައްދު ދެއްވާފައެވެ.

އެގޮތުން ހަސަން ލަތީފް ވިދާޅުވީ އެ މަރުގެ ވާހަކައަށްފަހު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަރާބަރަށް ހިއުމަން ރައިޓްސް ކޮމިޝަނުން މި މައްސަލައިގައި އަމަލު ކޮށްފައިވާގޮތް ބަލަމުން އައިސްފައިވާކަމަށެވެ. އެގޮތުން ރޭ 07:50 ގައި ކަރެކްޝަނަލް ސާވިސްއިން މިކަން ހިއުމަން ރައިޓްސް ކޮމިޝަނަށް އެންގުމުން 08:09 ގައި ހިއުމަން ރައިޓްސް ކޮމިޝަނުން ހުޅުމާލެ ހޮސްޕިޓަލަށް ޒިޔާރާތް ކުރިކޮށް އާއިލާއާ ވާހަކަދައްކާ ކަންކަން ސާފުކޮށްފައިވާކަމަށެވެ.

ރޭ 09:09 ގައި ހިއުމަން ރައިޓްސް ކޮމިޝަނުން ހުޅުމާޅެ ޖަލަށް ޒިޔާރާތްކުރި ކަމަށާއި، އަދި އެތަނުގެ ކެމެރާތަކާއި، ގައިދީ އޮތް ގޮޅިއާއި މެޑިކަލް ފައިލް ބަލާ އަދި އެތަނުގައި ތިބި އިތުރު ގައިދީންނާ ވާހަކަ ދައްކާފައިވާކަމަށް ހަސަން ވިދާޅުވިއެވެ. އަދި އޭގެފަހުން ވެސް ދެވަނަ ފަހަރަށް ރޭ ހިއުމަން ރައިޓްސް ކޮމިޝަނުން ޖަލަށް ގޮސް އިތުރު ކަންކަން ސާފުކުރި ކަމަށާއި، އަސްލަމްގެ ހަށިގަނޑު ޗެކްކޮށް ޑޮކްޓަރުންނާވެސް ވާހަކަ ދައްކާފައިވާކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

"މިހުރިހާ ކަމެއް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދޭތޯ މިމަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ދިޔައީ ބަލަމުން. އަޅުގަނޑުމެން މިކަންކަން ދޫކޮށްލައިގެން ތިބެނީއެއް ނޫން." ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވި މި މައްސަލަ ފުލުހުން ތަހުގީގު ކުރަންޖެހޭކަމަށާއި، ފުލުހުން މި މައްސަލަ ތަހުގީގު ނުކުރާނަމަ އެކަން މަޖިލީހުގެ 241 ކޮމިޓީންވެސް ބަލާނެކަމަށެވެ.

"ދުލެއް ނުކުރާނަން. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަށް މިއީ ސަމާސާ ކަމެއްނޫން. މިއީ ރަށެއްގެ ނަރުދަމާ ނޭޅުނީމާ ވާގެއްލުމުގެ ވާހަކަ ދައްކާހެން އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫން. ޖަލެއްގައި މީހަކަށް އަނިޔާވުން، ޖަލެއްގައި މީހަކަށް ލާއިންސާނީ އަނިޔާއެއް ދިނުން، މިއީ އެމްޑިޕީން ގަބޫލުކުރާނެ ކަންކަމެއް ނޫން. އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭނެ."