Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

މަރުވި ގައިދީ މޭޒެއް މަތީ އިންދާ އަނބުރައިގަނެގެން ވެއްޓޭ މަންޒަރު ކެމެރާއިން ފެނޭ

ފޮޓޯ: ވީނިއުސް

ހުޅުމާލޭ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު މަރުވުމާ ގުޅިގެން އެކަން ހިނގާދިޔަ ގޮތުގެ ޓައިމްލައިނެއް ހޯމް މިނިސްޓްރީން އާންމު ކޮށްފިއެވެ.

ހުޅުމާލެ ޖަލުގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ /ޖަނަވަރީގެ، 40 އަހަރު، މުހައްމަދު އަސްލަމް ރޭ ކުއްލި ގޮތަކަށް ނިޔާވެފައިވާއިރު ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ ޓައިމްލައިންގައި ވާގޮތުން، ހަވީރު 17:55 ހާއިރު އަސްލަމް މޭޒެއް މަތީގައި އިށީންދެއިން މަންޒަރު ސީސީޓީވީއިން ފެނެއެވެ.

އަދި 17:59 ގައި އަސްލަމް މޭޒުމަތިން އަނބުރައިގަނެގެން ވެއްޓޭ މަންޒަރު ފެންނަ ކަމަށާއި، އަދި ވަގުތުން ގައިދީއަކު އަސްލަމަށް ސީޕީއާރް ދޭން ފަށާފައިވާ ކަމަށްވެސް ޓައިމްލައިންގައި ބުނެފައިވެއެވެ. ޖަލު އޮފިސަރުން އެ ސީނަށް ހާޒިރު ވެފައިވަނީ 18:02 ގައި ކަމަށާއި، އަދި 8 މިނެޓް ތެރޭގައި ހޮސްޕިޓަލަށް ގެންދެވި ޑޮކްޓަރުން ވަގުތުން އެޓެންޑް ވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

އަސްލަމްގެ އާއިލާގެ ފަރާތްތަކަށް ގުޅުމަށް ޕްރިޒަންސްއިން މަސައްކަތް ފަށާފައިވަނީ 18:30 ގައި ކަމަށް ހޯމް މިނިސްޓްރީގެ ޓައިމްލައިނުން ދައްކާއިރު އާއިލާގެ މެމްބަރަކާ ގުޅުނީ 18:42 ގައި ކަމަށްވެސް ބުނެފައިވެއެވެ. އަދި އަސްލަމް ނިޔާވެފައިވަނީ 18:55 ގައި ކަމަށްވެސް ބުނެފައިވެއެވެ.

އަސްލަމްގެ މަރާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ. އަދި އަސްލަމްގެ މަރަކީ އިހުމާލުން ހިނގާފައިވާ ކަމެއްކަމަށްވެސް އާއިލާއިން ދެކޭކަމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. އަދި އެކަން ރަނގަޅަށް ބެލުމަށް މެމްބަރުން ގޮވާލާފައިވެއެވެ.

މި މައްސަލަ އެޗްއާރްސީއެމުން ވެސް ބަލަމުން އަންނައިރު އެ ކޮމިޝަނުން ވަނީ ގައިދީގެ ހަށިގަނޑު ޗެކްކޮށް، ޑޮކްޓަރުންނާ ވާހަކަ ދައްކާ ޖަލުގެ ސީސީޓީވީ ފުޓެޖް ޗެކް ކޮށް ގައިދީންނާ އަދި ޖަލު އޮފިސަރުންނާވެސް ވާހަކަ ދައްކާފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް އެ ކޮމިޝަނުން މިކަމާ ގުޅިގެން ރަސްމީކޮށް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.