ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ރައްޔިތުންނަށް ލިބެންޖެހޭނީ ލުއި އަގެއްގައި ކަމަށް ޕްރޮފެސާ ހަސަން އުގެއިލް ވިދާޅުވެއްޖެ އެވެ.
އުގެއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ސަރުކާރެއްގެ ދެމެދުގައި އޮތް ވާދަވެރިކަމެއްގެ ސަބަބުން ކަތިލެވޭ ގުރުބާނީއަކަށް ދިވެހި ރައްޔިތުންވުން ބަލައި ނުގަނެވޭނެ ކަމަށެވެ. އެގޮތުން ހިޔާ މަޝްރޫއުގައި ކަނޑައެޅިފައިވާ ގޮތަށް އެ ފްލެޓުތައް ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް އުގެއިލް ވިދާޅުވިއެވެ.
އަދި އެ ފްލެޓުތައް ރައްޔިތުންނަށް ލިބެންޖެހޭނީ އެކަށޭނެ ވަސީލަތްތަކާއި، ރައްކާތެރި ގޮތުގެ އިތުރުން ލުއި އަގެއްގައި ކަމަށްވެސް އުގެއިލް ވިދާޅުވިއެވެ. އަދި އަދުލުވެރި އިންސާފުވެރި ގޮތަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާ ފްލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެ ގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހު ކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ. ބައެއް ފަރާތްތަކުން ވަނީ ކުލި 5600 ރުފިޔާއަށް ކުޑަކުރުމަށް ގޮވާލާފައެވެ.
ފްލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ތިން މަހު އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން އެ ތިން މަހަކީ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ދޭ ތިން މަހެވެ. އެ ފްލެޓުތައް ދޫކުރާއިރު ބޮކި ފަންކާ ހަރުކޮށްފައި ނުހުންނައިރު، މުށި ޖަހައި ކުލަލުމުގެ ކަންކަން ކުރަންޖެހެނީ ފްލެޓު ލިބޭ ފަރާތްތައް އަމިއްލަ އަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން 6،720 ފްލެޓު ތަރައްގީކޮށްފައިވެއެވެ.