ހުޅުމާލޭ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ރޭ މަރުވި ގައިދީ އަށް އެއްވެސް އަނިޔާއެއް ދީފައި ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ރޭ މަރުވެފައިވަނީ ހުޅުމާލެ ޖަލުގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ /ޖަނަވަރީގެ، 40 އަހަރު، މުހައްމަދު އަސްލަމް އެވެ. އަސްލަމްގެ މަރާއި ގުޅިގެން އާއިލާ އިން ތުހުމަތުކުރަނީ އޭނާ އަށް އަނިޔާކޮށް މަރާލީ ކަމަށެވެ.
އެކަމާ ގުޅިގެން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނީ އަސްލަމަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އާއިލާއާ ހަވާލާދީ ފަތުރާ ހަބަރަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށާއި އެއްވެސް އަނިޔާއެއް އަސްލަމަށް ދީފައި ނުވާ ކަމަށެވެ. އަދި ހަގީގަތް އޮޅޭގޮތަށް މިފަދަ ހަބަރުތައް ފަތުރާތީ ކަންބޮޑުވާ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.
ކަރެކްޝަންސް އިން ބުނެފައިވާ ގޮތުގައި ރޭ ގާތްގަނޑަކަށް 18:00 ހާއިރު އަސްލަމް ޔާޑު ސަރަހައްދުގައި އިށީނދެ އިންދައި ކުއްލި ގޮތަކަށް ވެއްޓުމާ ގުޅިގެން 8 މިނެޓްތެރޭ އެމެޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
އަސްލަމްގެ އާއިލާގެ ފަރާތްތަކަށް ގުޅުމަށް 18:30 ގައި މަސައްކަތް ފެށިއިރު އާއިލާގެ މެމްބަރަކާ ގުޅުނީ 18:42 ގައި ކަމަށްވެސް ބުނެފައިވެއެވެ. އޭނާ އަކީ ބޮޑު އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެއް ނޫން ކަމަށާއި އަސްލަމްގެ ބޮލަށް ގެއްލުން ވެފައިވަނީ އިށީނދެ އިންދައި ވެއްޓުމާ ގުޅިގެން ކަމަށްވެސް ހާމަކޮށްފައިވެއެވެ.
"މަރުގެ ސެޓްފިކެޓްގައި މަރުގެ ސަބަބު ދެނެގަނެފައި ނުވާ ކަމަށާއި ނިޔާވެފައިވަނީ 18:55 ކަމަށް ބަޔާންކޮށްފައިވެއެވެ" ކަރެކްޝަންސް އިން ހާމަކުރެއެވެ.
އަސްލަމްގެ މަރާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ. އަދި އަސްލަމްގެ މަރަކީ އިހުމާލުން ހިނގާފައިވާ ކަމެއްކަމަށްވެސް އާއިލާއިން ދެކޭކަމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. އަދި އެކަން ރަނގަޅަށް ބެލުމަށް މެމްބަރުން ގޮވާލާފައިވެއެވެ.
މި މައްސަލަ އެޗްއާރްސީއެމުން ވެސް ބަލަމުން އަންނައިރު އެ ކޮމިޝަނުން ވަނީ ގައިދީގެ ހަށިގަނޑު ޗެކްކޮށް، ޑޮކްޓަރުންނާ ވާހަކަ ދައްކާ ޖަލުގެ ސީސީޓީވީ ފުޓެޖް ޗެކް ކޮށް ގައިދީންނާ އަދި ޖަލު އޮފިސަރުންނާވެސް ވާހަކަ ދައްކާފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް އެ ކޮމިޝަނުން މިކަމާ ގުޅިގެން ރަސްމީކޮށް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.