ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހައްގުތަކާ ގުޅޭ ކަންބޮޑުވުން އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން އ.ދ ގެ ޞުލްޙައާއި ތަރައްޤީއާ ބެހޭ އެޑްވައިޒަރު ފާޑިނާންސް ވޮން ހަސްބާގް ލޮތްރިންގެން އާއި ހިއްސާކޮށްފިއެވެ.
މި ބައްދަލުވުމުގައި އިދިކޮޅުން ބައިވެރިވެ ވަޑައިގެންފައިވަނީ އެ ކޯލިޝަނުގެ އެކްސްޓާނަލް އެފެއާސް ޑިޕާޓުމެންޓުގެ ބޭފުޅުންނެވެ. އެގޮތުން ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފާއި ޕީއެންސީގެ ނައިބު ރައީސް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިދިކޮޅުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ޔާމީންގެ ޝަރީޢަތަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ކަންބޮޑުވުން ހިއްސާކުރި ކަމަށެވެ. އަދި ޔާމީންގެ ޙައްޤުތައް ނިގުޅައިގަންނަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އދ.ގެ އެޑްވައިޒަރާ ހިއްސާކޮށްފައިވާނެ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.
ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ މައްޗަށް ވަނީ އިތުރު ދެ ދައުވާއެއް ވެސް އުފުލާފައެވެ. އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.