އ.ދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ހަވާލުވެވަޑައިގެންފިއެވެ.
އ.ދ ގެ އާއްމު މަޖިލީހުގެ ރިޔާސަތާއި ޝާހިދު ހަވާލުވެވަޑައިގެންނެވިއިރު މިއީ ދިވެއްސަކު މި މަގާމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ރަސްމީކޮށް ހުޅުވޭނީ މާދަމާ ކަމަށްވާއިރު، އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހޮނިހިރު ދުވަހު އެމެރިކާއަށް ފުރާވަޑައިގަންނަވާނެ އެވެ.
އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރު ޝާހިދު އިންތިހާބުވެވަޑައިިގެންނެވީ މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ.
އެ އިންތިހާބު ޝާހިދު ކާމިޔާބު ކުރެއްވިއިރު، އިންތިހާބުގެ ކެމްޕެއިނަށް މި އަހަރު ބަޖެޓުން 4.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެ އިންތިހާބުގައި ރާއްޖެ އާއި ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ބޮޑެތި ގައުމުތައް ކަމަށްވާ އިންޑިއާ އާއި ސައުދީ އަރަބިއްޔާ އިން ވަނީ ޝާހިދަށް ތާއީދުކުރައްވާފައެވެ.