Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ނަފްރަތުގެ ބިލަކީ ރައީސަށް ދޭން އުޅުނު ލަނޑެއް: ގާސިމް

ގާސިމް އިބްރާހިމާއި ރައީސް ސޯލިހް ބައްދަލު ކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަފްރަތުގެ ބިލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން އުޅުނު ލަނޑެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރޭ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ނަފުރަތުގެ ބިލާ ދެކޮޅަށް އެންމެ ފުރަތަމަ ވާހަކަދެއްކެވީ އޭނާ ކަމަށާއި އެ ބިލާ ދެކޮޅަށް އެއްވެސް ލީޑަރަކު އަދި އެއްވެސް ދީނީ އިލްމުވެރިއަކުވެސް އޭރު ވާހަކަދައްކަވާފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ބުނީ ހެޔޮ ނުވާނޭ މިކަން ކުރާކަށެއް. އަޅުގަނޑު އެއް ބަޔާން ދީފައި އަދި އަނެއް ބަޔާން ދީފައި. ޕާޓީގެ ފަރާތުން ބަޔާން ނެރުނު ފަހުން އޭގެ އެތައް ހަފުތާއެއްހާ ދުވަސް ފަހުން އެހެން ބޭފުޅުންނަށް މިކިޔާ އެއްޗެއް ރޭކާލާ ހިސާބަށް ދިޔައީ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސަށް ވެސް އެ ބިލާ ގުޅޭ އަޑުތައް އިވުމުން، އެ ބިލަކީ ގޯސް ބިލެއްކަން އެނގިވަޑައިގެންނެވި ކަމަށެވެ. އަދި ރައީސަކީ ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް އަދާކުރަމުން ގެންދަވާ ބޭފުޅެއް ކަމަށާއި އެހެންކަމުން އެމަނިކުފާނަށް އެ ބިލުގައި އޮތް އެއްޗެއް އަކުރުން އަކުރަށް ވިދާޅުނުވެވިދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އެކަމަކު ބަޔަކު މީިހުން ދޭން އުޅުނު ލަނޑެއްގައި އެމަނިކުފާނު ނުޖެހި ސަލާމަތްވީ އަޅުގަނޑު ދަންނަވާނީ މިފަހަރުވެސް އަޅުގަނޑާ ހެދިއޭ. އެހެން ނޫން ނަމަ އެ ލަނޑު އެމަނިކުފާނަށް ލިބިވަޑައިގެންނެވީސް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް މިގޮތަށް ވިދާޅުވެފައިވާ އިރު، ނަފުރަތުގެ ބިލު މިހާރު އޮތްގޮތަށް ފާސްކުރުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި އެގޮތުން އެ ބިލަށް ބައެއްކަހަލަ އިސްލާހުތައް ގެންނަންޖެހޭކަމަށް ރައީސް ސޯލިހު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ނަފްރަތުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އަލުން ވަނީ އިސްލާހު ކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މަޖިލިސް މެމްބަރުންނާއި ރައީސް ސޯލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ. އަދި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ރައީސް ސޯލިހްގެ އިސްތިއުފާ އަށް ވެސް ގޮވާލާފައެވެ.