Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

ބާސާ އަތުން ބަޔާނަށް ފަސޭހަ މޮޅެއް

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ބަޔާން މިއުނިކުން ބާސެލޯނާ އަތުން ފަސޭހަކަމާ އެކު 3-0 އިން މޮޅުވެއްޖެ އެވެ.

މިއީ މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި 8-2 އިން ބަޔާން އަތުން ބަލިވި ފަހުން ބާސެލޯނާ އިން އެ ޓީމާ ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރެވެ.

ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގައި ބަޔާނަށް ލީޑުނަގައިދިނީ ތޯމަސް މުލާ އެވެ. މެޗުގެ 34 ވަނަ މިނިޓްގައި އޭރިއާ ބޭރުން މުލާ ޖެހި ބޯޅަ ގޯލަށް ވަދެފައިވަނީ ބާސާގެ ޑިފެންޑަރު އެރިކް ގާސިއާގެ ގައިގައި ޖެހިފައެވެ.

އަދި ދެވަނަ ހާފްގައި ބަޔާންގެ އަނެއް ދެ ގޯލު ޖެހީ އެ ޓީމުގެ ހުނަރުވެރި ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. ލެވަންޑޯސްކީގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 56 ވަަނަ މިނިޓްގައި އޭރިއާ ތެރެއިން ޖަމާލް މުސިއާލާ ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި އައި ވަގުތު އެވެ. އަދި މެޗު ނިމެން ކައިިރިވެފައި ހުއްޓައި ލެވަންޑޯސްކީ ބަޔާންގެ ތިން ވަނަ ގޯލު ޖެހީ ސާޖް ގްނަބްރީ އޭރިއާ ތެރެއިން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި އައި ވަގުތު ބޯޅަ ހޯދުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީން މުބާރާތް ފެށީ މޮޅަކުންނެވެ. އެގޮތުން ރަޝިއާގެ ޒެނިތްގެ މައްޗަށް ޗެލްސީން 1-0 އިން ކުރި ހޯދިއިރު އެ މެޗުގައި ފެނުނު ހަމައެކަނި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.

ޗެލްސީ އާއެކު އެއް ގްރޫޕެއްގައި ހިމެނޭ ޔުވެންޓަސް އިން ރޭ ވަނީ މަލްމޯގެ މައްޗަށް 3-0 އިން މޮޅުވެ، ސީޒަނުގެ ފުރަތަމަ މޮޅު ހޯދާފައެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް ވަނީ ސްވިޒަލޭންޑްގެ ޔަންގް ބޯއީސް އަތުން 2-1 އިން ބަލިވެފައެވެ.