Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ގަމުގައި ހިންގި ފެކްޓްރީ (2)

(ޑިސެމްބަރު 28، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އަހަރެންގެ އަމިއްލަ ލޮލުން ދެކެފައިވާ ހާދިސާތަކުގެ ތެރެއިން ހާދިސާއެއް ކިޔައި ދޭނަމެވެ. ފެކްޓަރީގައި މަސައްކަތް ކުރާ ތިން އަންހެން ކުއްޖަކު މަސައްކަތުގައި އުޅެފައި ރޭގަނޑުގެ ކެއުމަށްޓަކައި ނިކުމެގެން ދިޔައީ ފެކްޓަރީގެ ސޯވިން ސެކްޝަނުގެ ވެރިޔާއާއެކުގަ އެވެ.

މި ތިން ކުދީންނާ އެކު މީނާ ނިކުމެގެން ދިޔައީ ފެކްޓަރީއާ ވަރަށް ގާތުގައި ހުރި ޝޮޕަކަށެވެ. މި ޝޮޕާ އަރައި ހަމަވިތަނާ ފެނުނީ އެތާގައި މަޑުކޮށްގެން އޮތް ވޭނެއްގެ ދޮރު ހުޅުވާފައި ކުއްލިއަކަށް ނިކުތް އޭޑީއޭ ގަން ބަލަހައްޓާ ދެ ގާޑުންނެވެ.
އެ ވަގުތު އިވުނީ ކުއްލިއަކަށް ހަޅޭކެއްގެ އަޑެވެ. މި އަޑަކީ މި ކުދީންގެ ތެރެއިން އެންމެ ދޮންކޮށް ހުރި ކުއްޖާގެ ހަޅޭކުގެ އަޑެވެ. އެއީ ހިތަދޫ މެދުވަލު ކޮންމެވެސް ގެއެއްގެ ކުއްޖެކެވެ. ވަރަށް ރީތި ކުއްޖެއްމެ އެވެ.

އޭޑީއޭ ގަން ބަލަހައްޓާ ގާރޑުން މި ކުއްޖާ ގަދަކަމުން ހިފަހައްޓައި އެ ވޭނުގެ ތެރެއަށް ލައިގެން ދުއްވާލީ އެވެ. އެ ދިޔަ ގޮތަށް ގޮސް ވޭން މަޑުކުރީ ގަމުގެ ހަ ނަންބަރު ގޭގެ ކުރި މައްޗަށެވެ.
މި ކުއްޖާ ހަ ނަންބަރު ގެއަށް ވެއްދުމުން ރޮއިހޭރި ވަރަށް އާދޭސްކޮށް ހެއްޖެވެ. ބުންޏެވެ. މާތްﷲ އަށް ޓަކައިވެސް ތިމަންނަ ދޫކޮށްލާށެވެ. ތިމަންނައަކީ މީހެއްގެ އަންބެކެވެ. ތިމަންނަ އިނދެގެން އުޅެނީ ވެސް ކަލޭމެން ފަދަ އޭޑީއޭ ގައި މަސައްކަތް ކުރާ މީހަކާ އެވެ.

މި ކުއްޖާ ފާޚާނާ އަށް ދިއުމަށް ދޫކޮށްލުމުން ދުއްވައިގަތީ ގޭގެ ބޮޑު ދޮރާ ދިމާލަށެވެ. ނަސީބު ދިމާކުރި ގޮތުން ދޮރު ހުރީ ތަޅުނުލެވި އެވެ.

މި ކުއްޖާ ދުއްވައިގަތުމުން ފަހަތުން އެއްކަލަ އޭޑީއޭ ގާޑުންތައް ވެސް ފަހަމުން ދުއްވައިގަތެވެ. އެ ކުއްޖާ ދިޔަ ގޮތަށް ގޮސް އެ ދިމާލުގައި ހުރި ގަސްތަކުގެ ތެރޭގައި ފިލާރައްކާވީ އެވެ.
އެރޭގެ ސަރުކާރީ އިއްޒަތްތެރި މެހުމާނަށް މަސްވެރިކަމެއް ނުވީ އެވެ. އެރޭ ގަމުގައި ހުންނެވި މެހުމާނަކީ އެޓޯލްސް މިނިސްޓްރީގެ ވަރަށް އިސް މަގާމެއްގައި ހުންނެވި ހަތަރު ނަމުގެ ވެރިޔެކެވެ.

އަންހެން ކުދީންގެ އިއްފަތް ފޭރުމަކީ އެ ރަށަށްދާ ސަރުކާރުގެ ބައެއް އިސް މީހުންނަށް ލިބޭ އުފަލެއް ކަމުގައިވެ އެވެ. އެ މީހުން ހީކުރަނީ މި ދެވުނީ ބޭންކޮކަށް ކަމަށެވެ.

ގަމުގެ ފެކްޓަރީގައި މަސައްކަތްކުރާ އަންހެން ކުދީންގެ ހާލަތު މިހިރީ އެވެ. ދުވާލާއި ރޭގަނޑު ބުރަކޮށް މަސައްކަތްކޮށްފައި ކެއުމަށްޓަކައި ބޭރަށް ނިކުންނަ ވަގުތުތަކުގައި ވެސް ބާޒު ފިޔޮއް ޖަހައި ގަންނަ އުސޫލުން މި ކުދީން ޖަހައިގަނެ ގެންގޮސް ތަންތަނަށް ވައްދާ އެ ކުދީންގެ އިއްފަތް ފޭރިގަތުމަށްޓަކައި ތަފާތު ރޭވުންތައް ރާވައި ހިންގަ އެވެ.

އަހަރެން މި ކިޔައި ދިނީ ހިންދީ ފިލްމެއްގެ ވާހަކައެއް ނޫނެވެ. އަދި ޖަންގަލީގެ ތެރޭގައި ޝިކާރަ ކުރާ މީހެއްގެ ވާހަކައެއް ވެސް ނޫނެވެ. އަހަރެންގެ ލޮލުން ދެކެފައިވާ ހަގީގީ ވާހަކައެކެވެ. ގަމަށް ޒިޔާރަތް ކުރައްވާ ސަރުކާރުގެ ވެރިންނަށް ވެދުމަށް އެރުވުމަށް އަންހެން ކުދީން ޝިކާރަ ކުރުމުގެ ޗީފް ކޮމާންޑަރަކީ ޒާދީ އެވެ. މަޝްހޫރު ނަމުން ނަމަ "ދުންބޯ" އެވެ. މީނާއަކީ އޭޑީއޭ ގާޑުންގެ އިސް މީހާ އެވެ.

ސަރުކާރުގެ ވެރިން އަންހެން ކުއްޖަކު ބޭނުންވެއް ޖެނަމަ ސިލެކްޓް ކުރުން ހަމަޖެހިފައި އޮންނަ ގޮތަކީ ފެކްޓަރީ އަށް ބޭނުން ވަނީ ކޮން ކަމެއްތޯ އާއި ތަރައްގީއަށްޓަކައި އިތުރަށް ކުރަންވީ ކޮން ކަމެއްތޯ ބެލުމުގެ ނަމުގައި ފެކްޓަރީ އަށް ދާނެ އެވެ.

މި ގޮތުން ދާނީ އެ ކަމަށް ޚާއްސަ ކުރެވިފައިވާ ޓީމަކާ އެކު އެވެ. ފެކްޓަރީއަށް ވަދެ މަސައްކަތްތައް ބަލަމުންދާ އިރު ފެކްޓަރީގެ ތެރެއިން ގޮވާ އަޑު އިވޭނެ އެވެ.

މުސާރަ ބޮޑު ކުރަން ސަރުކާރުން ވަޑައިގެންފި އެވެ. މި ޓީމުން ފެކްޓަރީގައި ކުރާ މަސައްކަތް ބަލަމުން ގޮސް ކަމުދާ ކުއްޖަކާ އަރާ ހަމަވުމުން އެ ޓީމުގައި ހުރި މެހުމާނު އޭނާ ހިތްހަމަޖެހޭ ކުއްޖާގެ ކުރިމަތީގައި މަޑު ކުރާނެ އެވެ. އަދި އެ ކުއްޖަކު ނިންމާފައިވާ ތަކެތިން އެއްޗެއް ނަގާފައި ބުނާނެ އެވެ. މަސައްކަތް ވަރަށް ރީއްޗެވެ. ދެން އެ އޮތީ އެ ކުއްޖަކު ސިލެކްޓްވެފަ އެވެ.

މި ބުނެވުނީ އައްޑު އަތޮޅުގެ ރައްޔިތުންގެ މަންފާއާއި ލާބަޔަށްޓަކައި ސަރުކާރުން ހިންގެވި ކަމަށް ބުނާ ފެކްޓަރީގެ ވާހަކަތަކުގެ ތެރެއިން އަސަރުގަދަ އެއް ވާހަކަ އެވެ. އަދިވެސް އިތުރުބައިތައް ކުރިއަށް އޮތީ އެވެ. (ނުނިމޭ)

(ނޯޓް: މިއީ މީދޫ.ކޮމްގައި އުނިސާރުގެ ނަމުގައި ލިޔެފައިވާ އާޓިކަލެކެވެ.)