ރާއްޖޭގައި މަސްތިވާތަކެތީގެ ހާލަތު މިހާރު އޮތީ ވަރަށް ގޯސް ހިސާބެއްގައި ކަމަށާއި، އުމުރުން 8 އަހަރުގެ ކުދިންވެސް މަސްތުވާތަކެތި ބޭނުންކުރާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ނޭޝަނަލް ޑްރަގް އެޖެންސީ ރީސްޓްރަކްޗަރކުރުމާއި ގުޅޭގޮތުން މަޖިލީހުގައި ދިން ޕްރެޒެންޓޭޝަންގައެވެ.
އެގޮތުން އެ ޕްރެޒެންޓޭޝަންގައި ބުނެފައިވަނީ ރާއްޖޭގައި ޑްރަގުގެ ވަބާގައި ޖެހެމުންދާ މީހުންގެ އުމުރު ފުރާއާއި، ޑްރަގް އެތެރެކުރާ މިންވަރާއި، ގޮތްތަކަށް ބަލާއިރުވެސް ވަރަށް ބޮޑަށް ތަފާތުވެފައިވާކަމަށެވެ.
2014 ވަނަ އަހަރަށް ބަލާއިރު ޑްރަގުގެ ވަބާގައި ޖެހިފައިވާ މީހުންގެ އުމުރަކީ 22 އާއި 37 އަހަރާއި ދެމެދު ކަމަށާއި ނަމަވެސް މިއަހަރު އުމުރު ފުރާއަށް ބަލާއިރު 17 އަަހަރާއި 68 އަހަރާއި ދެމެދު މީހުން މި ވަބާގައި ޖެހިފައިވާކަން ޕްރެޒެންޓޭޝަންގައި ފާހަގަކޮށްފައިވެއެވެ. ރާއްޖޭގައި ވަރަށް ކުޑަކުދިންވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާކަމަށާއި އެގޮތުން 8 އަހަރުގެ ކުދިންވެސް މަސްތުވާތަކެތި ބޭނުންކުރާކަމަށް ބުނެފައިވެއެވެ.
މި ޕްރެެޒެންޓޭޝަންގެ ކުރިން މަޖިލީހުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ޑަރަގްގެ ވަބާއިން ސަލާމަތްވުމަށް މިހާތަނަށް އެކަށީގެންވާވަރާއި ގާތަށްވެސް މަސައްކަތް ކުރެވިފައި ނުވާކަމަށެވެ.
މިސަރުކާރުން ނެޝަނަލް ޑްރަގް އެޖެންސީ ދަށުން މިހާރު ފަށާފައިވާ މަސައްކަތުގެތެރެއިން މައްސަލަތައް ދެނެގަނެވި، ރާއްޖޭގައި ޑްރަގުގެ ނުރައްކާ އޮތް މިންވަރާއި، ހާލަތު ދެނެގަނެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.