Last Updated: September 28, 15:53
Tuesday, September 28, 2021
ޚަބަރު

ފަސް ހާހަށްވުރެ ގިނަ މެމްބަރުންގެ ސޮޔާއެކު އެމްއެންޕީ ރަޖިސްޓްރީކުރަން ހުށަހަޅައިފި

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ މަސްއޫލުވެރިން - ފޮޓޯ: އެމްއެންޕީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.

އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް އީސީއަށް ހުށަހަޅާފައިވަނީ 5000 މެމްބަރުންގެ ފޯމާއެކުއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 15 ޖުލައި 2021 ގައެވެ. މިދިޔަ ދެ މަސް ތެރޭގައި އެމްއެންޕީއަށް ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާއިން ގިނަ ތަޖްރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވާކަމަށް އެމްއެންޕީން މައުލޫމާތުދެއެވެ.

އެމްއެންޕީގެ އުންމީދަކީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވިހާ އަވަހަކަށް އެޖަލްސާ ބާއްވާ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުންކަމަށް އެޕާޓީން މައުލޫމާތުދެއެވެ. އަދި މިހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން 10،000 މެންބަރުން ހަމަކޮށް އެމްއެންޕީއަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް ހެދުންކަމަށް އެޕާޓީން ބުނެފައިވެއެވެ.

އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ ދަނގެތިދާއިރާގެ މެމްބަރު، މުހައްމަދު ނާޒިމް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ހުޝާމެވެ. އެހެންނަމަވެސް މީގެ ތެރެއިން މޮސްޓާ އަދި މުހުސިން ވަނީ އެމްއެންޕީއަސް ސޮއި ކުރުން މަޑު ޖައްސާލާފައެވެ.