Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

ރައީސް އަދި ނައިބު ރައީސް މިނިސްޓަރު ޝާހިދަށް މަރުހަބާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި ނައިބު ރައީސް ފައިސަލް ނަސީމް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އ.ދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވަނީ ހަވާލުވެވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިނިސްޓަރު ޝާހިދަށް މަރުހަބާ ވިދާޅުވެ، މިއީ ހާރިޖީގޮތުން ރާއްޖެއަށް ތާރީހީ ދުވަހެއްކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގަ ރާއްޖެއިން ކުރަމުންދިޔަ މަސައްކަތްތައް މުޅިން އެހެން ހަރުފަތަކަށް ގެންދެވުނު ދުވަހެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓުގައިވެސް ވަނީ މިނިސްޓަރު ޝާހިދަށް މަރުހަބާ ވިދާޅުވެ، މި ކާމިޔާބީއަކީ ރާއްޖޭގެ ފޮރިން ޕޮލިސީ ރަނގަޅު މިސްރާބަކަށްދާކަން ހާމަވާ ކަމެއްކަމަށް ވިދާޅުވެފައެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރު ޝާހިދު އިންތިހާބުވެވަޑައިިގެންނެވީ މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ.

އެ އިންތިހާބު ޝާހިދު ކާމިޔާބު ކުރެއްވިއިރު، އިންތިހާބުގެ ކެމްޕެއިނަށް މި އަހަރު ބަޖެޓުން 4.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެ އިންތިހާބުގައި ރާއްޖެ އާއި ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ބޮޑެތި ގައުމުތައް ކަމަށްވާ އިންޑިއާ އާއި ސައުދީ އަރަބިއްޔާ އިން ވަނީ ޝާހިދަށް ތާއީދުކުރައްވާފައެވެ.