Last Updated: September 28, 15:53
Tuesday, September 28, 2021
ޚަބަރު

އައްޑޫ ކޮމިއުނިޓީ ފާރމް ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫ ކޮމިއުނިޓީ ފާރމުގެ ފަހުމުނާމާގައި ސޮއިކުރަނީ:

ޖެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ ދަށުން އައްޑޫގައި ފަށާ ކޮމިއުނިޓީ ފާރމް ޕްރޮޖެކްޓުގެ އެމް.އޯ.ޔޫގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު މެންދުރު އެމް.އެން.ޔޫ ހިތަދޫ ކެމްޕަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީއާއި، އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނެވެ.

މި ފަހުމުނާމާގައި ސޮއިކުރުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ.މުޙައްމަދު ޝަރީފު ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީން މި ޕްރޮޖެކްޓަށް ފަންނީ ލަފާ ދެއްވާފައިވާ ކަމަށާއި، ޔުނިވަރސިޓީގެ ވިސްނުން ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީން ކުރުމުގައި އެބައޮތް ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ، މިއީ ފަހުގެ ތާރީޚެއްގައި އައްޑޫގެ އިޤްތިޞާދަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއްކަން ކަމަށެވެ. އަދި މިކަމަކީ ދަނޑުވެރިކަމަށް ބޮޑު އިންގިލާބެއް ގެނުވާނެކަމެއްގެ ގޮތުގައި މޭޔަރ ފާހަގަކުރެއްވިއެވެ.

ނޫސްވެރިންނަށް އިތުރަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ޕީޕަލްސް ކޯޕަރޭޝަން (އޭޕީސީ) އިން ވިދާޅުވީ، މި ޕްރޮޖެކްޓަކީ އައްޑޫގެ ދަނޑުވެރިކަން ކުރީގެ ވައްޓަފާޅިއަށްވުރެ ބޮޑަށް ޒަމާނީ ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ފުރަތަމަ ފޭސްގެ ދަށުން އެމް.އެން.ޔޫގެެ ބިމެއްގައި 1000 އަކަފޫޓުގެ 19 ގްރީންހައުސް ބެހެއްޓޭނެކަމަށް އޭޕީސީން ވިދާޅުވިއެވެ. މީގެ އިތުރުން، ދަނޑުވެރިންނަށް ބޭނުންވާ ހުރިހައި ވަޞީލަތްތަކާއެކު މިތަނުގައި ލީސް އުސޫލެއްގެ ދަށުން ހައިޑްރޮޕޮނިކްސް އާއި ގްރޯބޭގް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރެވޭނެކަމަށް އޭޕީސީން ވިދާޅުވިއެވެ.

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން އެ ކޮމިޓީގެ ރައީސާ ވިދާޅުވީ، މި ޕްރޮޖެކްޓުގައި އެ ކޮމިޓީގެ 3 ގްރީންހައުސް ބެހެއްޓޭނެކަމަށާއި، އޭގެއިން 1 ގްރީންހައުސް ބަލައްހައްޓާނީ އެކޮމިޓީން ކަމަށެވެ. ހަމައެހެންމެ، ދަނޑުވެރިން ހޯދުމުގައްޔާއި އެހެނިހެން ކަންކަމުގައި އެ ކޮމިޓީގެ އެހީތެރިކަން ލިބޭނެކަމަށް ރައީސާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ ފުރަތަމަ 2 އަހަރުގެ ތެރޭގައި 80 ދަނޑުވެރިން ތަމްރީނު ކުރެވިގެންދާނެއެވެ. އެގޮތުން 40 އާންމުންނާއި، 40 ސްކޫލް ދަރިވަރުން ތަމްރީނުކުރުމަށް ޕްލޭންކޮށްފައިވާ ކަަމަށް އޭޕީސީން ވަނީ ހާމަކުރައްވާފައެވެ. ހަމައެހެންމެ، މި 80 ދަނޑުވެރިންގެ ތެރޭގައި 40 ސްލޮޓް އަންހެނުންނަށް އަދި 40 ސްލޮޓް ފިރިހެނުންނަށް ޚާއްސަކުރެވިފައިވާ ކަމަށް އޭޕީސީން މަޢުލޫމާތު ދެއްވައެވެ.