Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

އ.ދ. ގެ އާންމު މަޖިލީހުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ

އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އ.ދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހް އެމެރިކާގެ ނިއުޔޯކަށް ސެޕްޓެމްބަރު 18 ވާ ހޮނިހިރު ދުވަހު ފުރާ ވަޑައިގަންނަވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އދ . ގެ 76 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމުގެ އިތުރުން ބައިލެޓެރަލް އަދި މަލްޓިލެޓެރަލް ސެޝަންތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމެޖހިފައިވެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހް މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 28 ވާ އަންގާރަ ދުވަހުގައެވެ.