ބޭންކް އޮފް މޯލްޑިވްސް އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއެކު ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރ އެގްރީމަންޓްގެ އައުކޮށްފިއެވެ.
މިއަދު ޤައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުނު ހަފްލާގައި މި އެގްރީމަންޓުގައި ސޮއި ކުރެއްވީ ބީއެމްއެލްގެ ފަރާތުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ އަދި އެފް.އޭ.އެމް ގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
މި އެގްރީމަންޓުގެ ދަށުން ބީއެމްއެލް ވެގެންދާނީ ކުރިއެކޭވެސް އެއްފަދައިން ޤައުމީ ސީނިއަރ ފިރިހެން ޓީމާއި، ސީނިއަރ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަށެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޓިމް ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަ މި ދަނޑިވަޅުގައި މި ޕާޓްނަރޝިޕް އައު ކުރެވިގެންދިޔުމަކީ ލިބޭ އުފަލެއް ކަމަށާއި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޤައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް މި ހުނަރު ފުޅާކުރަން އެހީތެރިވުމަކީ ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.
"ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕް މުބާރާތުގައި އަޅުގަނޑުމެން އެދެނީ ދިވެހި ގައުމީ ޓީމަށް ކާމިޔާބު ލިބުން." ޓިމް ވިދާޅުވިއެވެ.
2017 ވަނަ އަހަރުން ފެށިގެން ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕް 2021 ގެ އޮފިޝަލް ބޭންކިންގ ޕާޓްނަަރަކީ ވެސް ބޭންކް އޮފް މޯލްޑިވްސް އެވެ.