Last Updated: September 28, 15:32
Tuesday, September 28, 2021
ޚަބަރު

މާލޭގައި ހިންގާ ހުރިހާ "ޑްރަގް ކެފޭތައް" ބަންދުކޮށްފި

ކެފޭ އުސޫލުން ޑްރަގް ވިއްކާ ގެއެއް - ފޮޓޯ: މިހާރު

މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމަށް ކެފޭ އުސޫލުން މީހުންނަށް ހިދުމަތް ދޭ ހުރިހާ ތަނެއް ފުލުހުން ބަންދުކޮށްފިއެވެ.

މިފަދަ ތަންތަން ބަންދުކުރަން ފުލުހުން މި މަހުގެ ކުރީކޮޅުން ފެށިގެން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު އެފަދަ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުން ވެސް ގޮސްފައިވެއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ މިހާރު އޮތް ގާނޫނުން ލިބިދީފައިވާ ބާރު އެންމެ ފުރިހަމަ އަށް ބޭނުން ކުރުމަށް އިރުޝާދު ދީފައިވާނެ ކަމަށާއި އެކަން އެގޮތަށް ކުރަމުންދާ ކަމަށެވެ.

އެގޮތުން މާލޭގައި މަސްތުވާތަކެތި ވިއްކުމާއި، ބޭނުން ކުރުމަށް މަގުފަހިވާ ގޮތަށް ހުރި 44 ތަނެއް ފާހަގަކުރެވިފައިވާ ކަމަށާއި ރެޔާއި ހަމައަށް އެ ހުރިހާ ތަނެއް ވެސް ބަންދުކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި މި ތަންތަން ހިންގުމުގައި ޝާމިލުވާ ފަރާތްތަކާ ދޭތެރޭ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ފިޔަވަޅު އަޅަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މީގެއިތުރުން ފާއިތުވި އަހަރުތަކުގައި މަސައްކަތްކޮށްފައި ނުވާ މިންވަރަށް ފާއިތުވި ދެ އަހަރު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އެގޮތުން 2019 އިން މިހާތަނަށް ޑްރަގުގެ ބޮޑު 12 ނެޓްވޯކުގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވި ކަމަށާއި އަދި މިދިޔަ 10 އަހަރު ފުލުހުން އަތުލައިގަތް މަސްތުވާތަކެތި މިިދިޔަ އަހަރުގެ ނިޔަލަށް ނައްތާލެވިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އަދި މިދިޔަ ދެ އަހަރު ގާތްގަނޑަކަށް އެއް ޓަނުގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށާއި ނަމަވެސް އަދިވެސް ކުރަން ހުރި މަސައްކަތް ގިނަކަން ސީޕީ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާތަނަށް ބޮޑަށް ފޯކަސް ކުރެވިފައި އޮންނަނީ ގެންނަ މަސްތުވާތަކެއްޗަށް އެކަނި ކަމަށްވީ ނަމަވެސް މިހާރު ގެންނަ މަސްތުވާތަކެތީގެ ފަހަތުގައިވާ ފައިސާގެ ކަންކަމަށް ވެސް ހާއްސަ އިސްކަމެއް މިހާރު ދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.