ރާއްޖެ އަށް ގިނަ އަދަދަކަށް މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އެއް ބާވަތް، މެތަޕެޓަމައިން (މެތު) ލައްގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަމުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ސުޕްރިޓެންޑެންޓް ހެޑް އަހުމަދު ޝާކިރު ވިދާޅުވީ މިދިޔަ ދެ އަހަރުތެރޭގައި ރާއްޖެ އަށް އެތެރެކުރެވުނު 50 ކިލޯގެ މެތު އަތުލައިގެންފައިވާ ކަމަށާއި އަދި ރާއްޖޭގެ އެކި ރަށްތަކަށް ލައްގަމުންދިޔަ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި ވެސް ގިނަ އަދަދަކަށް މެތު ހިމެނޭ ކަމަށެވެ.
އެގޮތުން އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ އެ ސަރަހަދެއްގެ ހުރިހާ ފަޅުރަށްތަކާއި، މީހުން ދިރިއުޅޭ ރަށްތަކާއި ކަނޑުއޮޅިތައް ބަލައި ޗެކްކުރަމުންދާ ކަމަށް ޝާކިރު ވިދާޅުވިއެވެ.
"ގިނަ އަދަދެއްގެ މެތު ރާއްޖެ އަށް ހަމަ ލައްގައިގެން ވެސް އެތެރެވެފައި އެބަހުރި. ފަހަރުގައި ރާއްޖެ އަށް ލެއްގި ބައެއް މެތު ޕެކެޓުތައް ހުރުމަކީ އެކަށީގެންވާ ކަމެއް ބައެއް މީހުންގެ އަތްމައްޗަށް އަރާފައި" ޝާކިރު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި މެތު ބޭނުންކުރަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެގޮތުން ޑްރަގު ކެފޭތަކުގައި ވެސް މެތުގެ ތަފާތު އެކި ބާވަތްތައް ލިބެން ހުންނަކަން ފާހަގަކުރެވޭ ކަމަށްވެސް ޝާކިރު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި މެތު އުފައްދާކަމުގެ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށާއި އެފަދަ މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެކަން އެންގުމަށް ވެސް ވަނީ އެދިފައެވެ.