ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސް ވިދާޅުވީ ކޮންމެ ޙާލަތެއްގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ޑިމޮކްރެސީން ކަށަވަރުކޮށްދޭ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށް ކަމަށާއި އެގޮތުން ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ޙައްޤުތަކަށް ސަރުކާރުން އަބަދުވެސް އިޙްތިރާމުކޮށް، އެ ޙައްޤުތައް ލިބިދެވޭކަންވެސް ކަށަވަރުކުރާނެ ކަމަށެވެ.
"ވަކިން ޚާއްޞަކޮށް، ދައުލަތުގެ ކަންކަމާމެދު ބަސްބުނެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެއެވެ. ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި، މަޢުލޫމާތު ޢާންމުކުރުމަކީ ވެސް، ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގައި، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ" ރައީސް ވިދާޅުވިއެވެ.
އަދި ޑިމޮކްރަސީން ކަށަވަރުކޮށްދޭ އެންމެ އަސާސީ އިންސާނީ ޙައްޤަކީ، ދިރިހުރުމުގެ ޙައްޤާއި ރަނގަޅު ކާނާ ކައިބޮއި އުޅުމުގެ ޙައްޤު ކަމަށްވާއިރު، މި ޙައްޤުތައް ފުރިހަމައަށް ހޯދުމަށްޓަކައި، މިއަދު އެންމެން ގަދައަޅައި އެއް ޢަޒުމެއްގައި މަސައްކަތް ކުރަންވީ، ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަކީ، ޤައުމީ އުފެއްދުންތެރިކަން މަތިކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މިއަދުގެ ދިވެހިންނަކީ ޒަމާނީ ޑިމޮކްރަސީއަށް ފައްކާވަމުން ހޭނެމުން އަންނަ ބައެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރައްޔިތުންގެ ބާރާއި ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތަކާއި، ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބުތަކާއި ޒިންމާތަކަށް ދިވެހިން އަހުލުވެރިވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އޭގެ ތެރެއިންވެސް އެންމެ މުހިންމު ޙައްޤަކީ، ދައުލަތް ހިންގުމުގެ ދާއިރާއިން ބަސްބުނުމުގައި، ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ޙައްޤު ކަމަށްވާއިރު އެ ޙައްޤުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށްޓަކައި، ރާއްޖޭގައި ޤާއިމުވެފައި އޮތް ޑިމޮކްރެސީގެ ހަރުދަނާ އުޞޫލުތަކާއި ހަމަތައް، އެގޮތުގައި ނަގަހައްޓައި ދެމެހެއްޓުމުގައި، ދިވެހި ރައްޔިތުން ސާބިތުވެތިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.