ހިޔާލުފާޅުކުރުމުގެ ފުރުސަތު ފަހިވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ އެޖެންޑާގެ ދަށުން ކަމަށް މައުމޫން އިސްވެ ހުންނަވައި އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑިމޮކްރަސީ ދުވަހާއި ގުޅުވައި އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން އައި ދަތުރުގެ ފެށުމުގެ ގޮތުގައި ފާހަގަކުރެވެނީ 2004 ވަނަ އަހަރުގެ ޖޫން 9 ވަނަ ދުވަސް ކަމަށާއި އެގޮތުން އެދުވަހުގެ ރޭ އޭރުގެ ރައީސް، މައުމޫން އިޢުލާނު ކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަގުކޮށައިދިން ކަމަށެވެ.
އަދި އިސްލާހީ އެޖެންޑާއިން މަގުފަހިކޮށްދިން އެންމެ މުހިންމު އެއް ކަމަކީ، ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް ސިޔާސީ ކަންކަމާ މެދު އާންމުންގެ މެދުގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި، ގައުމުގައި އޭރު ހުރި މައްސަލަތައް ހައްލުކުރުމަށް މަގުޗާޓެއް އެކުލަވާލައި ސިޔާސީ ގޮތުން ބޮޑެތި އިސްލާހުތަކެއް އޭގެ ދަށުން ގެނެސް، ސިޔާސީ ޕާޓީތައް ރާއްޖޭގައި އުފެދިގެން ދިޔަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ދިވެހި ރައްޔިތުން ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެބޮޑު ކާމިޔާބީއެއް ލިބިގެންދިޔައީ 07 އޮގަސްޓް 2008 ދުވަހުގެ ރެއެވެ. މިހާރު މި އޮތް ފެހި ޤާނޫނުއަސާސީ ތަސްދީޤުކުރުމާއި އެކު އެޤާނޫނުއަސާސީގެ ދަށުން ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދިޔައެވެ" އެ ބަޔާނުގައި ވެއެވެ.
އަދި ދިވެހި ރައްޔިތުންނަކީ ޑިމޮކްރަސީގެ ހަމަތަކަށް ލޯބިކުރާ ބައެއްކަން ހާމަވެގެންދިޔައީ އާ ޤާނޫނުއަސާސީ އަށްފަހު ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވި އިންތިޚާބުތަކުން ކަމަށްވެސް އެމްއާރްއެމް އިން ބުނެއެވެ. އެގޮތުން އެ އިންތިޚާބުތަކުގައި ރައްޔިތުންނަށް ޤާނޫނުއަސީސީން ކަށަވަރު ކޮށްދީފައިވާ ވޯޓު ލުމުގެ ހައްޤުގެ ބޭނުންކޮށް އެ ރައްޔިތުންގެ ބަސް އިއްވި ކަމަށާއި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަކީ ރާއްޖޭގައި ނެތެމުންދިޔަ ޑިމޮކްރަސީގެ ހަމަތައް އަލުން އިޔާދަކޮށް ޑިމޮކްރަސީގެ މަގުގައި ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުން ނިންމި މުހިންމު ނިންމުމެއް ކަމަށްވެސް އެމްއާރްއެމް އިން ބުންޏެވެ.
މީގެއިތުރުން ޑިމޮކްރަސިއަކީ ހަމައެކަނި ވޯޓު ލުމުގެ ހައްޤެއް ނޫން ކަމަށާއި، ފުރިހަމަ ޑިމޮކްރަސީ އަކަށް، އޭގެ ހަމަތައް ނަގަހައްޓާ ދަމަހައްޓާނޭ ސިޔާސީ ލީޑަރުން ބޭނުންވާކަމަށްވެސް އެމްއާރުއެމް އިން ބުންޏެވެ. އެގޮތުން ކުރީގެ ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ ބޭރުން ހިނގި ކަންކަން ކަމަށް އެމްއާރްއެމް އިން ބުނެފައިވެއެވެ.
އަދި ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުން ދާއިރު ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ޑިމޮކްރަސީ ނެގެހެއްޓުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނެކަން ކަށަވަރުކުރާ ކަމަށާއި އެގޮތުން އެކަމަށް ދޭންޖެހުނު ކޮންމެ އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް ތިބި ކަމަށްވެސް އެމްއާރްއެމް އިން ބުންޏެވެ.