Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ލިންގާޑް ފަހު ވަގުތު ޔުނައިޓެޑް މޮޅުކޮށްދީފި

މެޗުގެ ފަހު ވަގުތުގައި ޖެސީ ލިންގާޑް ވައްދާލި ލަނޑުން 2-1 އިން ވެސްޓްހަމް ޔުނައިޓެޑް އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ 13 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ވެސްޓްހަމް އޮތީ 8 ޕޮއިންޓާ އެކު ލީގުގެ ވެސް 8 ވަނައިގައެވެ.

ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސްޓްހަމް އިންނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓްގައި މި ގޯލު ވެސްޓްހަމް އަށް ކާމިޔާބުކޮށްދިނީ ބެންރަހްމާ ކަމަށްވާއިރު މި ގޯލު ވަދެފައިވަނީ ޔުނައިޓެޑްގެ ޑިފެންޑަރު ރަފޭލް ވަރާންގެ ފައިގައި ޖެހިފައެވެ.

ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ރޮނާލްޑޯ މި ގޯލު ކާމިޔާބުކުރީ އޭނާ ބޮލުން ފޮނުވާލި ހަމަލާއެއް ވެސްޓްހަމްގެ ކީޕަރު ފަބިއާންސްކީ އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލަށް ފޮނުވާލައިގެންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ރޮނާލްޑޯ އަށް ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ވެސްޓްހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ރޮނާލްޑޯ ފޮނުވާލި އެ ހަމަލާ ފަބިއާންސްކީ ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 89 ވަނަ މިނެޓްގައި ލިންގާޑް ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. ދެވަނަ ހާފްގައި ކުޅެން އެރި ލިންގާޑް މި ގޯލު ކާމިޔާބުކުރީ ވެސްޓްހަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. ލިންގާޑަކީ މިދިޔަ ސީޒަނުގައި ލޯނެއްގެ ދަށުން ވެސްޓްހަމް އަށް ކުޅުނު ކުޅުންތެރިއެއް ވެސް މެއެވެ.

ޔުނައިޓެޑް ލީޑު ނެގިއިރު މެޗުގެ އެންމެފަހު މިނެޓްގައި ވެސްޓްހަމް އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މާކް ނޯބަލް ފޮނުވާލި އެ ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ. ނޯބެލް ކުޅެން އެރީ ސީދާ އެ ޕެނަލްޓީ ޖެހުމަށްކަން ފާހަގަކޮށްލެވެއެވެ.