Last Updated: April 18, 22:36
Friday, April 19, 2024
ރިޕޯޓް

ދައުލަތް "އޮރިޔާން ކުރަން" އުޅެނިކޮށް "އޮރިޔާން"ވީ އަލީ؟!

އަލީ ވަހީދު މިނިސްޓަރުކަމުގައި ހުންނެވިއިރު އަލީ ވަހީދާ ވާރޗްއަލްކޮށް ބައްދަލުކުރައްވަނީ

ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހްމަތުގައި ދައުލަތުން ދައުވާކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގެންދަވަނީ ދައުލަތުގެ މުވައްސަސާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންވެ.

ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު އޭނާ މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައި އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް ފުލު ފުލުން ފާޑު ވިދާޅުވެ ޓުވީޓްކުރަމުން ގޮސް އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ލައްްކަ ވާހަކަ ދައްކަވައިފި އެވެ. ބައެއް މީހުން ބުނާ ގޮތުން ދައުލަތް އޮރިޔާންކުރަން އުޅެނިކޮށް މީޑިޔާ ކުރިމަތީ "އޮރިޔާންވީ" އަލީ އެވެ.

ހުންނެވީ ކޮންތާކުކަން ހާމަކުރަން އުޒުރުވެރިވެވަޑައިގެން ހުންނަވައި ދައުލަތް ފަލީހަތްކުރަން ދެއްކެވި ވާހަކައިން ފަލީހަތްވީ އަލީ ވަހީދު ކަމަށް ބައެއް މީހުން ދެކެއެވެ. އެގޮތައް ބައެއް މީހުން ދެކެނީ އޭނާގެ އަމިއްލަ އިއުތިރާފުތަކާހެދި އެވެ. އަލީ ވަހީދަށް ކުރެވުނު ބައެއް ތުހްމަތުތަކަށް އަމިއްލަފުޅަށް ،އޭނާ މިހާރު ވަނީ އިއުތިރާފުވެފައި އެވެ.

މިނިސްޓަރ ނަހްލާއަށް ނިސްބަތްކޮށް ބޭ އަދަބީ ގޮތަކަށް ދެއްކެވި ވާހަކަތަކުގެ އޯޑިއޯއަކީ ސައްހަ ވާހަކަތަކެއް ކަމަށް އަމިއްލައަށް އިއުތިރާފުވި

އަލީ ވަހީދު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއްގައި2020 އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ލީކްވި އެވެ. މި އޯޑިއޯގައި އަލީ ވަހީދުގެ އަޑުކަމަށް ބެލެވޭ މީހަކު ޓްރާންސްޕޯޓް މިނިސްޓަރަށް ނިސްބަތްކޮށް ހަޑިހުތުރުބަސްތައް ބޭނުންކުރެ އެވެ. އަދި ބޭއަދަބީ ބަސްތައް ނަހްލާއަށް ނިސްބަތްކޮށް އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ދެއްކި ވާހަކަތަކެއް ލީކްވެ އަލީ ވަހީދުތޯ އެއީ ކަށަވަރުކުރުމަށް މީހުން މަސަކަތްކުރި އެވެ. ނަމަވެސް 15 ފެބްރުއަރީ 2020 ގައި އަލީ ވަހީދު މިނިސްޓަރުކަމުގައި ހުންނަވައިގެން ކުރެއްވި ޓުވީޓެއްގައި އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފައި އެވެ. ނަމަވެސް އޭރު ހެއްދެވީ އިތުރުފުޅެއްކަން މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމިއްލަފުޅަށް އިއުތިރާފުން އެނގެ އެވެ.

އަލީ ވަހީދު އޭރު ވިދާޅުވީ ލީކްވެގެން އުޅޭ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ނޫން ކަމަށާއި އެއީ އޭނާގެ އަބުރު ކަތިލަން ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު އަލީ ވަހީދު ވިދާޅުވީ އެއީ އޭނާގެ ސައްހަ ކަމަށެވެ. އަދި އެއީ ސައްހަ އޯޑިއޯތަކެއް ކަމަށް ވިދާޅުވެ ނަހްލާއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަކީ އޮންނަ ގާތްކަމަކުގައި ދެއްކެވި ވާހަކަތަކެއް ކަމަށް ވިދާޅުވެ ބޭއަދަބީ ބަސްތައް "ރީތިކުރަން" ނޫސްވެރިންގެ ބައްދަލުވުމުގައި މަސައްކަތްކުރެއްވިއެވެ. ލީކްވި އޯޑިއޯގައި މަދުވަނީ ބައެއް ވާހަކަތައްކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އޭރުގެ ހެލްތް މިނިސްޓަ އަމީން އާއި ޓްއަރިޒަމް މިނިސްޓަރު ޑރ. އައިޝަތު އަލީ އާ ގުޅޭ ގޮތުން ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ ގާތު ވާހަކަ ދެއްކެވި ވާހަކަތަކަށް އަމިއްލަ ފުޅަށް އިއުތިރާފުވިއިރު މިނިސްޓަރު ކަމުގައި ހުންނަވައިގެން އެހެން މިނިސްޓަރުންގެ ވާހަކަދެއްކުމަކީ ރަނގަޅުކަމެއް ނޫން ކަަމަށް ގަބޫލުކުރެއްވި ހެނެއް ހިޔެއްނުވެ އެވެ.

"އަޅުގަނޑު އަޑުނެތެކޭ އަޅުގަނޑު ނުބުނަން. އެކަމު އަޅުގަނޑާ ޓޫރިޒަމް މިނިސްޓަރާ އެކަލަ ކަމެއް ހިނގާފައެެއް ނޯންނާނެ،" ބޭއަދަބީ ވާހަކަތައް އިވޭ އޯޑިއޯއަކީ ސައްހަ އެއްޗެއްކަން ކަށަވަރުކޮށްދެމުން އަލީ ވަހީދު ވިދާޅުވި އެވެ.

ދައުވާ އުފުލުމުން ރައީސް ޔާމިން ރަނގަޅުވެ ކުރިން ދެއްްކި ވާހަކަތައް އަނެއްކޮޅަށް

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އެމަނިކުފާނާ ގުޅޭ ގޮތުން އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބޭފުޅަކީ އަލީ ވަހީދެވެ. އޭނާ އޭރު ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮވެގެން އޭރު ދެއްކެވި ވާހަކަތަކެއް ނޫންކަމަށްވެސް އަލީ ވާހަކައިން އިއުތިރާފު ލިބުނެވެ. ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޔަގީންކަމާއެކު ރައީސް ޔާމިނާ ގުޅޭ ގޮތުން މިއަދު އަލީ ވަހީދު ވިދާޅުވަނީ އޭރު ކޮށްލި ތުހްމަތުތަކެއް ކަމަށެވެ. އެއްވެސް ހަގީގެއް އޮވެގެން ދެއްކެވި ވާހަކަތަކެއް އޮވެގެން ދެއްކި ވާހަކަތަކެއް ނޫންކަމަށާއި އެކަމަށް މާފަށް އެދޭކަމަށްވެސް ވިދާޅުވި އެވެ. ރައީސް ޔާމިންގެ ޝަރީއަަތައް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ވިދާޅުވުމުން ނުފޫޒު ފޯރުވީ ސަރުކާރުގެ ތެރެއިން ކޮން ބޭފުޅެއްތޯ އެހުމުން އެއްވެސް ބޭފުޅެއްގެ ނަން ވިދާޅެއްނުވެ އެވެ. އަދި ރައީސް ޔާމިންގެ ސަަރުކާރުން ގެނައި ތަރައްގީއަކީ ވައްކަން ކަމަށް ކުރިން ސިފަކުރެއްވި ނަމަވެސް މިހާރު އަލީ ވަހީދަށް މިހާރު އެވަރެއް ނެތެވެ.

މި ވާހަކަތަކާއެކު ރައީސް ޔާމިނާ ގުޅޭ ގޮތުން ކުރިން ދެއްކެވި ވާހަކަތަކަކީ ސިޔާސީ ބޭނުމަށް ރައީސް ޔާމިންގެ އަބުރުކަތިލަން ދެއްކެވި ވާހަކަތަކެއްކަން ހާމަވެއްޖެ ކަމަށް ޕީޕީއެމްގެ ބައެއް މީހުން ވެސް ބުނެ އެވެ. އަލީ މިނިސްޓަރުކަމުން ވަކި ކުރެއްވުމުން މިހާރު ރައީސް ޔާމިންގެ ތަރައްގީ ނޫން އެއްޗެއް އޭނާއަކަށް ނުފެނެ އެވެ. ކޮތަރުކޮށިކަމަށް ބުނާ ހިޔާ ފްލެޓްތައް އަލީ ވިދާޅުވި ގޮތުން އިނގިރޭސި ވިލާތުގައި ހުރި ސޯޝަލް ހައުސިން ޔުނިޓްތަކަށްވުރެ ވެސް އެތައް ގުނައެއް ރަނގަޅެވެ. ވާރޭ ވެހޭއިރު ބައެއް ފްލެޓްތަކަށް ފެން ވަންނަ މައްސަލަގައިވެސް އޭނާއަށް ގޯސްވީ އެހެން މީހުނެވެ.

"އަލީ ވަހީދު ދައްކާ ވާހަކަ ދެން ގަބޫލެއް ނުކުރެވޭނެ. އޭރު އަހަރަމެންގެ ރައީސްގެ އަބުރު ކަތިލާ ދެއްކި ވާހަކަތައް އަހަރަމެނަށް އިނގޭ. މިއަދު ދެން ވަޒީފާއިން ވަކިކުރީމަ ކޮން ވާހަކައެއް އެ ދައްކަނީ،" ރައީސް ޔާމިނަށް ތައުރީފުކޮށް އަލީ ވަހީދު ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން އެމްޑީޕީގެ އާއްމު މެމްބަރަކު ބުންޏެވެ.

ދައުވާ އުފުލާފައިވާ އެންމެނާއި ތުހްމަތު ކުރެވޭ އެންމެންގެ ދިފާއުގައި އަލީ ވަހީދު

ނުހައްގުން ދައުވާތަކެއް ކޮށްފައިވާތީ އޭނާގެ މައުސޫމްކަން ހާމަކޮށްދޭން ކުރި މަސައްކަތުގައި ބައެއް މީހުނަށް އެންމެ ކަމު ނުދިޔަ އަނެއްް ސިފައަކީ ދައުލަތުން އުފުލާ އެންމެނަށްވެސް އަނިޔާ ދޭ ކަމަށްބުނެ އެމީހުންގެ ދިފާއުގައި ވާހަކަދެއްކެވުމެވެ. އަލީ ވަހީދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ އަދި އެތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ ކަމުގެ ތުޙުމަތުގައި ދައުލަތުން ދައުވާކުރާ އިސްމާޢީލް އިފްހާމް މުޙައްމަދު (ޕެސްޓު)ގެ ދިފާއުގައި ވާހަކަ ދެއްްކެވި އެވެ. އޭނާއަށް ވެސް ނުހައްގުން ދައުވާކުރީ ކަމަށް އަލީ ވިދާޅުވި ނަމަވެސް އެކަން އެގޮތައް ކުރަނީ ކީއްވެކަމެއް ވިދާޅެއްނުވެ އެވެ.

އަދި އެހެންމެ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު މުހައްމަދު ނިހާން ހުސެއިން މަނިކަށް އުފުލާފައިވާ ދައުވާ އާއި މަހްލޫފަށް ކުރެވޭ ތުހްމަތާ ގުޅިގެން އޭނާ ސަސްޕެންޝަނުގައި ބެހެއްޓުންވެސް އަލީއަށް ކަމަކު ނުދިޔަ އެވެ. އެހެން ގޮތަކަށް ބުނާނަމަ ފަހުގެ ތާރީހެއްގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން މީޑީޔާގެ ސަމާލުކަމަށް އައި އެންމެންގެ ދިފާއުގައި އަލީ ވަނީ ވާހަކަ ދައްކާފަ އެވެ. އަދި އެންމެ ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި މިހާރު ތިއްބެވި ބޭފުޅުންވެސް މިހާރު އަލީ އަށް ކަމު ނުގޮސްގެން އެ ވާހަކަ ދެއްކި ނަމަވެސް އަލީ އަކީ މީގެ ކުރިން އެކަން ކަމަށް އެއްޗެއް ވިދާޅުނުވެ ހުންނެވި ބޭފުޅެއް ކަމަށް މީހުން ފާހަގަ ކުރެ އެވެ.

ކޮރަޕްޝަނުގެ ފައިސާ ރައީސަށް ލިބުނުކަން އެނގިހުރެ ވެރިކަމަށް ގެނައުމަށް މަސައްކަތްކުރުން

    • އަލީ މިހާރު ކުރާ އެންމެ ބޮޑު ތުހްމަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ވާހަކައެވެެ. އަދި އެ ފައިސާ ދަބަސް އަދީބުގެ އަތުން ސީދާ އުފުއްލެވީ ރައީސް ސޯލިހް ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމާއެކު ބައެއް މީހުން މީހުން އެ ވާހަކަ ގަބޫލުކޮށް އަނެއް ބަޔަކު ޝައްކު އުފެއްދި އެވެ. އެންމެ ބޮޑަށް މީހުންގެ އޭނާގެ އިހްލާސްތެރިކަމާމެދު ސުވާލު އުފައްދަންފަށައިފި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނީ ކުރީ ސަރުކާރުގެ ބޭފުޅުންނަށް ކަމަށް ހަދައިގެން އެ ވާހަކަ އެންމެ ބޮޑަށް ދެއްކެވީ އަލީ ވަހީދެވެ. ރައީސް ސޯލިހް އޭނާ މިނިސްޓަރުކަމުން ވަކިކުރުމާ ހަމައަށް ނުދައްކަވާ ވާހަކައެއް ދެއްކެވުމުން އެއީ ތެދެއް ކަމަށް ވިއަސް އަލީ ވީ ފަލީހަތް ވަކި ކުޑައެއް ނޫނެވެ. ސަބަބަކީ އެކަން އެނގި ހުންނަވައިގެން ރައީސްވެރިކަމަށް ގެނައުމަށް އެ ކުރެއްވި މަސައްކަތާއި އެހެން މީހުންގެ ބޮލުގައި އެޅުވި އިލްޒާމެވެ. އަދި މިއަދުވެސް އޭނާއަށް އެހާލު ނުޖެހުނު ނަމަވެސް ރައީސް ކަޅު ފައިސާގައި ޖެހުނު ވާހަކަ ވިދާޅުނުވީސްކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެހެން ކަަމުން ރައީސްއާ ގުޅޭގޮތުން ދެއްކެވި ވާހަކަ މި ވަގުތު ގަބޫލުކޮށް ތައުރީފުކޮށް އަތްޖަހާނީ ހަމައެކަނި ރައީސް ޔާމިންގެ ސަޕޯޓަރުން ކަމަށް ވެދާނެ އެވެ.

މިނިސްޓްރީގެ މުވައްޒަފުން ހަޑިމުޑުދާރު އަމަލުތަކުގެ ވާހަކަ މިއަދު

ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު މާގިރި ހޮޓަލުގައި ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ގާއިމް ވެގެން ތިބި ދުވަސްވަރު އެތަނުގައި ހިނގި ހަޑިމުޑުދާރު އަމަލުތަކުގެ ވާހަކަވެސް އަލީ ވަހީދު ދައްކަވައިފި އެވެ. ނަން ހާމަ ކުރުމެއް ނެތި އޭނާ ދެއްކެވި ވާހަކައިގައި ރޯދަ މަހު ރޯދަ ހިފުމެއް ނެތި ކައިބޮއި އުޅުމާއި އެއްޗިސުން ގުޅުން ހިންގުން ފަދަ އަމަލުތައް އޭނާއަށް އޭރު ވަނީ ފާހަގަ ކުރެވިފައި އެވެ. އެހެން ނަމަވެސް ދައުލަތުގެ އިސް މަގާމެއްގައި ހުރެ މަގާމެއްގައި ހުރި މީހެއްގެ ހައިސިއްޔަތުން އެކަން ކަން ހުއްޓުވަން ކުރި ކަމެއްގެ ތަފްސީލެއް އޭނާ ވިދާޅެއްނުވެ އެވެ. މިއާއެކު އަނެއްކާވެސް އަލީގެ އިހްލާސްތެރިކަމާމެދު މީހުން ސުވާލު އުފައްދަ އެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަންނަވަނީ

އަލީ ވަހީދު ދެއްކެވި ވާހަކަތަކުގައި މަސައްކަތް ކުރައްވާފައިވަނީ ސަރުކާރާއި އެެހެންވެސް ބައެއް ފަރާތްތަކާމެދު ނަފްރަތު އުފެއްދުން ކަމަށް ބެލެވިދާނެ އެވެ. ވަކި ހާއްސަ ކަމެއް ނެތި ހުރިހާ ކަމަކާމެދު ނުރުހުން ފާޅުކުރައްވަމުން އެ ދެކެއްވި ވާހަކަތަކަށް އެ ވަގުތުވެސް ސޯޝަލް މީޑިޔާ އާއްމުން ދިޔައީ ރައްދު ދެމުންދިޔަ އެވެ. މިއަދު ސަރުކާރުން ކުރި ހަމައެކަނި ބޮޑު ކަމަކީ އައިޖީއެމްއެޗް ކައިިރި ހުރި ޕާކިން ޒޯނެއް ހުޅުވުން ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވިއިރު އެހަށް ދުވަހާ ހަމައަށް ސަރުކާރަށް ސަނާކިޔަން މިނިސްޓަރެއްގެ ގޮތުގައި ހުންނެވީވެސް އަލީ އެވެ.

އަލީ ވަހީދަށް ދައުވާ ކުރަނީ ކޮން ބަޔަކަށް ޖިންސީ ފުރައްސާރަކޮށްގެން ކަމެއް ނޭނގޭ ކަމަށް ވިދާޅުވުން

އަލީ ވަހީދު ވިދާޅުވާ ގޮތުން އޭނާގެ މައްޗަށް ދައުވާކުރަނީ ކޮން ބަޔަކަށް ޖިންސީ ފުރައްސާރަކޮށްގެން ކަމެއް މިއަދާ ހަމައަށްވެސް އެނގިވަޑައެއްނުގަންނަވަ އެވެ. އެހެން ނަމަވެސް މީހެއްގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލައެއްގައި ސުވާލުނުކޮށް ދައުވާ ކުރަން ނުފޮނުވޭނެ އެވެ. އެހެން ކަމުން އަލީ ވަހީދަށް ދައުވާކޮށްފައިވާ މައްސަލަތުގައި ވަކި ވަކިން ސުވާލުކޮށްފައިވާނެ ކަމަށް ބެލެެވެ އެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް:
-ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ.

އަދި އެހެންމެ ކްރިމިނަލް ކޯޓުން ދައުވާކުރުމަށްފަހު އޭނާއަށް ދައުވާއާ ގުޅޭ ލިޔުންތައް މިހާރު ވަނީ ދޫކޮށްފައި އެވެ. އޭގައި އޭނާއަށް ދައުވާ ކުރެވެނީ ކޮން ކުށެެއްްގެ ތުހްމަތެއްގައިކަން ސާފުކޮށް ބަޔާންކޮށްފައިވާނެ އެވެ. އެހެން ކަމުން ގާނޫނީ ނަޒަރަކުން ބަލާމީހަކަށް ބުރަވެވޭނީ ދައުވާގައި ކުރަނީ ކޮން ޖިންސެއްގެ މީހަކަށް ގޯނާއެއް ކުރެވިގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމަކީ ހަގީގަތާ ހިލާފަށް ދައްކަވާ ވާހަކައެއް ގޮތުގައި އެވެ.

އަލީ ވަހީދުގެ އެ ތުހްމަތުތަކަށް ސަރުކާރުންނާއި އެ ތުހްމަތު ރައްދުވާ ބައެއް މީހުން ވަނީ ރައްދީފައި

އަލީ ވަހީދު ދައްކަވާ އެ ވާހަކަތަކަކީ ހަގީގަތެއް ނެތް ތޯތޯ ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ. މި ދަނޑިވަޅަކީ އެމްޑީޕީ އެތެރޭގައި ހިޔާލު ތަފާތުވުން އުފެދި ދެ ބައި ވެފައިވާ ވަގުތަކަށް ވީނަމަވެސް ރައީސް ސޯލިހާ ގުޅޭ ގޮތުން އަލީ ދެއްކެވި ވާހަކައިން އަސަރެއް ނުކުރި އެވެ. އޭގެ ބަދަލުގައި ފެނުނީ ރައީސް ސޯލިހާ ދެކޮޅު ބައެއް މަޖިލިސް މެމްބަރުންވެސް އަލީ ވަހީދުގެ އެ ވާހަކަތައް ގަބޫލު ނުކުރާ ކަމަށް ވިދާޅުވެ ރައްދުދިން ތަނެވެ.

ފަހަކަށް އައިސް އެމްޑީޕީ ތެރޭގައި ހުންނަވައިގެން ރައީސް ސޯލިހަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުންދާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވެސް އަލީ ވަހީދުގެ މި ވާހަކަތައް ގަބޫލެއް ނުކުރެއްވި އެވެ.

"ކަޅު ދަބަހެއްގެ ވާހަކަ ދައްކައިފި، ހަމަ އެއްގޮތަކަށް ގަބޫލެއް ނުކުރެވޭ އެވާހަކައެއް. އަޅުގަނޑަށް އިނގޭ ރައީސުލްޖުމްހުރިއްޔާ ކުރައްވާނެ ކަންކަމާ ނުކުރައްވާނެކަންކަމާ، އަދި އިބްރާހިމް މުހައްމަދު ސޯލިހް އެއީ. ހަމަ ޔަގީނުންވެސް ނުކުރައްވާނެކަމެއް، އެއީ ދަބަހެއްގެ ވާހަކައެއް." އަ؛ީ ވަހީދުގެ ތުހްމަތުތަކަށް ރައްދު ދެއްވަމުން ބޮންޑެ ވިދާޅުވި އެވެ.

އޭގެ އިތުރުން އަލީ ވަހީދުގެ އެ ވާހަކައިން ސިޔާސީ ފައިދާއެއް ނަގަން ޕީޕީއެމް އުޅުނުތަން ފެނުން ނަމަވެސް އެހެން ސިޔާސީ ޕާޓީއަކުން އަލީ ވަހީދުގެ ވާހަކަ ގަބޫލުކުރި ހެނެއް ހިޔެއްނުވެ އެވެ. އާއްމުންނެކޭ އެއްގޮތައް ސިޔާސީ ފަރާތްތަކުން ވެސް ދެކެނީ އަލީ ވަހީދުގެ ވާހަކައިން އަމިއްލަފުޅަށް އެވަނީ ފަލީހަތްކަމަށެވެ. މި ސަރުކާރުގައި މިނިސްޓަރަކަށް ހުންނެވުމަށްފަހު ދައުލަތާ ގުޅޭ ގޮތުން ވަކި އާ ވާހަކަތަކެއް އަލީ ވަހީދަށް ވިދާޅެއްނުވެވުނެވެ.