Last Updated: April 20, 14:10
Saturday, April 20, 2024
ދުނިޔެ

އ.ދ ގައި ވާހަކަދައްކަން ތާލިބާނުން ފުރުސަތަކަށް އެދިއްޖެ

މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ އ.ދ ގެ އާންމު މަޖިލީހުގައި ވާހަކަދައްކަން އަފްގާނިސްތާނުގެ ވެރިކަމާ ހަވާލުވެފައިވާ ތާލިބާން ހަނގުރާމަވެރި ޖަމާއަތުން ފުރުސަތަކަށް އެދިއްޖެ އެވެ.

މިދިޔަ މަހުގެ ތެރޭގައި އަފްގާންގެ ބާރު ހޯދާފައިވާ ތާލިބާނުން މިކަމަށް އެދިފައިވަނީ އެ ޖަމާއަތުން އެކުލަވާލި ވަގުތު ސަރުކާރުގައި ހިމެނޭ ފޮރިން މިނިސްޓަރު އ.ދ އަށް ފޮނުވި ސިޓީއެއްގައެވެ. އަދި ތާލިބާނުން ވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އެ ޖަމާއަތުގެ އޮފީހުގެ ތަރުޖަމާނު ސުހައިލް އަމީން އ.ދ ގައި އަފްގާން ތަމްސީލުކުރާ މަންދޫބަކަށް ހަމަޖައްސާފައެވެ.

އެގޮތުން އަފްގާން ތަމްސީލުކުރަން އެގައުމުގެ ކުރީގެ ސަރުކާރުން އ.ދ އަށް ކަނޑައަޅާފައިވާ މަންދޫބަކީ މިހާރު އެގައުމު ތަމްސީލުކުރާ ފަރާތެއް ނޫން ކަމަށްވެސް ތާލިބާނުން ބުނެއެވެ.

އ.ދ ގެ ތަރުޖަމާނަކު ވިދާޅުވީ ތާލިބާނުން ފޮނުވި ސިޓީއާ މެދު ގޮތެއް ނިންމާނީ 9 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން ކަމަށެވެ. އެ ކޮމިޓީގައި އެމެރިކާ އާއި ޗައިނާ އަދި ރަޝިއާ ފަދަ ގައުމުތައް ހިމެނޭއިރު އެ ކޮމިޓީގެ މެމްބަރު ގައުމުތައް އެއްތަން ވާނީ އާންމު މަޖިލީހުގެ ޖަލްސާ އަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އ.ދ ގައި އަފްގާން ތަމްސީލުކުރަން އެގައުމުގެ ކުރީގެެ ސަރުކާރުން އައްޔަން ކުރައްވާފައިވަނީ ގުލާމް އިޒާޒައީއެވެ. އ.ދ ގެ އާންމު މަޖިލީހުގައި މި މަހުގެ 27 ވަނަ ދުވަހު އޭނާ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.