Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ރައްޔިތުން އަރައި ވެހިކަލްތައް ކޮޅުވެއްޓިން ބާލައިފި

އައްޑޫސިޓީގައި މަގު ހެދުމަށް ހުރި ވެހިކަލްތައް މާލެ ގެންދަން އުޅުމުން އެކަން ރައްޔިތުން ހުއްޓުވައި ކޮޅުވެއްޓީގައި ހުރި ވެހިކަލްތައް އޭގެއިން ބާލައިފިއެވެ.

މި ވެހިކަލްތައް މާލެ ގެންދަން އުޅުމުން އެކަމާ އައްޑޫ ރައްޔިތުން ދެކޮޅު ހަދަމުންދާއިރު، ރައްޔިތުން ވަނީ މި ވެހިކަލްތައް ގެންދަން ހަމަޖައްސާފައި އޮތް ކޮޅުވެއްޓި އަށް އަރާފައެވެ. އެގޮތުން ވެހިކަލްތައް މިހާރު އަންނަނީ އެ ކޮޅުވެއްޓިން ބޭލުމަށް މަސައްކަތް ކުރަމުންނެވެ.

ކޮޅުވެއްޓިން މި ވެހިކަލްތައް ބޭލުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އާއި ބައެއް ކައުންސިލަރުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

އައްޑޫގެ ޕަބްލިކް ވޯކްސްއަށް ގެނެސްފައި ހުރި ވެހިކަލްތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެނެސްފައިވާ ތަކެތި ހިމެނެއެވެ. މީގެކުރިންވެސް އެކި ފަހަރުމަތިން އައްޑޫގައި ހުރި ވެހިކަލްތައް އެހެން ރަށްރަށަށް މަސައްކަތްތައް ގެންދިއުމުގެ ސަބަބުން އައްޑޫގެ މަސައްކަތްތައް ނުކުރެވި ހުއްޓިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ވެހިކަލްތައް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަނީ އާރްޑީސީގެ ވެހިކަލްތަކެއްގެ ގޮތުގައި މަސައްކަތުގައި ބޭނުންކުރުމަށެވެ. އައްޑޫގެ ކުރީގެ ކައުންސިލް އޮތްއިރު ވެސް މި ވެހިކަލްތައް ގެންދިއުމަށް މަސައްކަތްކުރި ނަމަވެސް އޭރު ކައުންސިލުން މިތަކެތި ދޫކޮށްފައެއްނުވެއެވެ. އަދި މިފަހަރު ވެހިކަލްތައް ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ކައުންސިލަށް ވެސް ނޭނގި ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫގެ މަގު ހެދުމުގެ ބޮޑު ޕްރޮޖެކްޓެއް މި ސަރުކާރުން އިންޑިއާ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ.