Last Updated: April 24, 17:24
Wednesday, April 24, 2024
ޚަބަރު

އިންސާފުގެ ދަތުރު އަނިޔާގެ ދަތުރަކަށް ބަދަލުވެއްޖެ: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

މިއަދު ދިވެހި ރައްޔިތުން ތަޖުރިބާ ކުރަން ޖެހިފައިވަނީ އަނިޔާގެ ދަތުރު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގައުމު ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ދިޔައިރު އަޑުގަދަކޮށް މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ދެއްކީ އިންސާފުގެ ދަތުރެއްގެ ވާހަކަ ކަމަށެވެ. ނަމަވެސް ވެރިކަން ހޯދި ގޮތަކަށް ހޯދުމަށްފަހު ދިވެހި ތަޖުރިބާ ކުރަން ޖެހިފައި މިއޮތީ އަނިޔާގެ ދަތުރު ނޫން ދެން ކޯޗެއްތޯ ސައީދު ސުވާލު ކުރެއްވިއެވެ.

ރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެގޮތުން އިންޑިޔާ ކަނޑުގައި ވަރަށް ރީތި ގައުމެއްގައި މުސްލިމުންގެ ގޮތުގައި މިގައުމު އޮއްވާ މިވެރިކަން އައި ހިސާބުން ލާދީނީ ބޮކިތައް ޖަހަން ފަށާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"އެމްޑީއެންގެ ރިޕޯޓުގައި ސީދާ ރަސޫލާއަށް ފުރައްސާރަކޮށް ދީނަށް ފުރައްސާރަކޮށް މުސްލިމުންގެ އަގީދާއަށް ޗެލެންޖްކޮށް މުސްލިމުންގެ އުޅުން ހުތުރު ކަމަށްބުނެ އެތައް ބަސްތަކެއް ދީނާ ބެހޭގޮތުން ފެންމަތި ކުރީމާ މިގައުމުގެ ރައީސްއަކަށް ހުރި ބޭފުޅާއަށް ކެރިވަޑައެއް ނުގަތް އެބޭފުޅުންނަށް ފިޔަވަޅު އަޅާކަށް. މިއަށްވުރެ ބޮޑު އަނިޔާއެއް އިންސާނިއްޔަތަކަށް ދެވޭނެ ވެރިއަކު ނިކަން ދައްކަބަލަ" ސައީދު ވިދާޅުވިއެވެ.

ދިވެހި ގައުމު މިއަދު މިއޮތީ އަޅުވެތި ކޮށްފައި ކަމަށާއި ގައުމުގެ ހުރިހާ ކަމެއްގެ ކޮންޓްރޯލް އެހެން ބަޔަކަށް ދޫކޮށްލައިފި ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި ފަސް އަހަރަކުން ރާއްޖެ އެތައް އަހަރެއްގެ ތަރައްގީ ގެނެސްދެއްވި މިހާރުގެ އިދިކޮޅު ލީޑަރު ޖަލުގައި ނުބެހެއްޓޭނެ ކަމަށާއި ރައްޔިތުން ނުކުމެ މިނިވަން ކުރަންޖެހޭ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"އިންޑިއާ ބޭނުންވީމަ، ރައީސް ސޯލިހު ބޭނުންވީމަ، ކޯލިޝަންގެ ލީޑަރުން ބޭނުންވީމަ ރައީސް ޔާމީން ޖަލަކު ނުބެހެއްޓޭނެ. ތުހުމަތު ކުރުން ފިޔަވާ ސާބިތު އެންމެ ހެއްކެއް ދައްކަބައްލަވާ ރައީސް ޔާމީން ޖަލުގައި ބެހެއްޓޭނެ." ސައީދު ވިދާޅުވިއެވެ.