އެމްޑީޕީއަށް މިހާރު ވަމުންދާ ގޮތުުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ގިނަ މެންބަރުން ވޯޓުލާން ނުކުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން މަދުން ވޯޓުލާން ނިކުތް ނަމަވެސް މިހާރު ޕާޓީ އަށް ވަމުންދާ ގޮތުން ގިނަ ބަޔަކު ވޯޓުލާން ނުކުންނާނެ ކަމަށެވެ.
"މި ޕާޓީއަށްް ވެފައި އޮތް ގޮތާ އަދި ވަމުންދާ ގޮތަކީ މި ޕާޓީގެ މެންބަރުން ބަލަން ތިބޭނޭ ކަމެއް ނޫން. އެހެންކަމުން އެކަމުން އަރިގަތުމަށް ވޯޓުލާން ނުކުންނަ މީހުން ވަރަށް ގިނަވާނެ މިފަހަރު" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮވެމެ އެ ޕާޓީގެ ސިޔާސަތުތައް ތަންފީޒު ނުވުމާއި އަދި ސަރުކާރަށް ވެސް އެދެވޭ ގޮތެއްގައި ކަންކަން ނުކުރެވޭ ކަމުގެ ކަންބޮޑުވުންތައް ޕާޓީގެ އާންމު މެމްބަރުންގެ ތެރޭގައި ވަރަށް ބޮޑަށް އެބަހުއްޓެވެ. އެގޮތުން މިއީ އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ލިބޭ ފުރުސަތެއް ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
"އަޅުގަނޑުމެން 40 ޕަސެންޓް ބޭފުޅުން ތިއްބަވައިގެން ހިންގާ ސަރުކާރެއް ނަމަވެސް، ސަރުކާރުން ވެސް އެންމެ އެދެވޭ ގޮތަަށް ކަންކަން ކުރެވޭ ކަމަށް ރައްޔިތުންނެއް ގަބޫލެއް ނުކުރޭ، ޕާޓީގެ މެންބަރުން ގަބޫލެއްނުކުރޭ" ހަސަން ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑުވެފައެވެ.
މި އިންތިހާބުގައި އެމްޑީޕީގެ 90،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. ޖުމްލަ 455 މަގާމަކަށް މީހުން އައްޔަނުކުރާއިރު 700 އަށް ވުރެ ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެއެވެ.