Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އެމްއާރްއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވީ ފާރިސް އެކަނި

ފާރިސް މައުމޫން. ފޮޓޯ: އަވަސް

މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް) ގެ ރައީސް ކަމަށް ކުރިމަތިލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން އެކަނި ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއާރްއެމްގެ ފުރަތަމަ ކޮންގްރެސް އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ޕާޓީގެ އެކި މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 22 ގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އެމްއާރްއެމް އިން މިއަދު ބުނީ އެ ޕާޓީގެ ޒައީމު ކަމަށް ކުރިމަތިލެއްވީ މައުމޫން އެކަނި ކަމަށާއި އަދި ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ފާރިސް އެކަނި ކަމަށެވެ. އަދި ޕާޓީގެ ނައިބު ރައީސް ކަމަށް ހޮވާ ދެ ބޭފުޅުންގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ މަގާމަށް ކުރިމަތިލެއްވީ އާމިނަތު ނާދިރާ އެކަނި ކަމަށްވެސް އެމްއާރްއެމް އިން ބުންޏެވެ.

މީގެއިތުރުން އެގްޒެކެޓިވް ކޮމިޓީ އަށް އަންހެން އަދި ފިރިހެން ހިމެނޭ ގޮތަށް 20 ފަރާތެއް އިންތިހާބު ކުރާއިރު، ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމާއި ނައިބު ރައީސްކަމުގެ އިތުރުން އަންހެނުންގެ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ކަމަށްވެސް ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރެޖިސްޓްރީ ކުރީ ޑިސެމްބަރު 20، 2019 ގައެވެ.