Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

އެމްޑީޕީ ވޯޓުލުން ކުރިއަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވަނީ ހެނދުނު 09:00 ގައެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 05:00 އާ ހަމައަށެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށާފައިވާއިރު އިންތިހާބާގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ވޯޓުލާ މީހުންގެ ލިސްޓާ ގުޅޭ ޝަކުވާ އަދި އިންތިޚާބާ ބެހޭ އެހެނިހެން ޝަކުވާތައް ހުށަހެޅުމަށް އެކަމަށް ހާއްސަ ގޫގުލް ފޯމެއް ހަމަޖައްސާފައިވާއިރު ގުޅައިގެން ޝަކުވާ ހުށަހެޅުމަށް 7448389، 7448412 އަދި 7448746 ނަމްބަރު ވަނީ ހާއްސަ ކޮށްފައެވެ. ޝަކުވާ ހުށަހަޅާނެ ގޫގުލް ފޯމްގެ ލިންކްތައް އެމްޑީޕީގެ ވެބްސައިޓުގައި އާންމުކޮށްފައިވެއެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެއެވެ. މި އިންތިހާބުގައި 300 ވޯޓު ފޮށި ބަހައްޓާނެކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ އިންތިހާބަކާނުލާ ހޮވިފައެވެ.

ޖުމުލަ 733 ކެނޑިޑޭޓުން ވާދަކުރާ މި އިންތިހާބަކީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގައި ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތެރެއިން ތާއީދު ބޮޑީ ކޮން ބޭފުޅަކަށްތޯ ބެލުމަށް ނެގޭ ވޯޓަކަށް ވެގެންދާނެކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ.