Last Updated: April 27, 09:26
Saturday, April 27, 2024
ކުޅިވަރު

ސިޓީ އަށް މޮޅެއް، ފަހު ވަގުތު ޔުނައިޓެޑް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީން 1-0 އިން ޗެލްސީގެ މައްޗަށް ކުރި ހޯދިއިރު، ފަހު ވަގުތު އެސްޓަންވިލާ އަތުން 1-0 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ އެވެ.

މި މޮޅާއެކު 13 ޕޮއިންޓާ އެކު ސިޓީ އޮތީ ލީގުގެ ދެވަނައިގައެވެ. ތިންވަނައިގައި އޮތް ޗެލްސީ އަދި ހަތަރުވަނައިގައި އޮތް ޔުނައިޓެޑަށް ވެސް 13 ޕޮއިންޓު ލިބިފައިވާއިރު، ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އެއްވަނައިގައި މި ޓީމުތަކަށް ވުރެ އެއް މެޗު މަދުން ކުޅެ 13 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.

ޗެލްސީގެ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސް އެވެ. މި ގޯލަށްފަހު ވެސް ސިޓީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ސިޓީން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ޗެލްސީގެ ކީޕަރު މެންޑީގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

މި މެޗުގައި ޗެލްސީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު އެޓީމަށް ސިޓީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ޔުނައިޓެޑާއި އެސްޓަންވިލާ މިއަދު ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެސްޓަންވިލާ އަށް މެޗުގެ 88 ވަނަ މިނެޓްގައި ކޯޓްނީ ހޯސް އެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ކޯނަރަކުން ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ކޮށްލި ހުރަހެއް ބޮލުން ފޮނުވާލައިގެންނެވެ.

ނަތީޖާ އެއްވަރުކޮށްލަން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ބްރޫނޯ ފަނާންޑޭސް ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ދަނޑި މަތިން ބޭރަށެވެ.