Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ސިޑިއަށް ކުޑަކަމުދިޔައީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފެއް، މައާފަށް އެދެން: ވެމްކޯ

ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި - ފޮޓޯ: ޕީއެސްއެމް

ގެއެއްގެ ސިޑިއަށް ކުޑަކަމުދިޔައީ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފެއް ކަމަށާއި އެކަމަށް އެކަން ދިމާވި ގޭބިސީ އަށް ގޮސް މައާފަށް އެދިފައިވާ ކަމަށް ވެމްކޯ އިން ބުނެފިއެވެ.

އެކަމާ ގުޅިގެން ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެކަން ދިމާވި ގޭބީސީ އަށް ޒިޔާރަތްކޮށް މައްސަލަ ހިނގިގޮތް ބަލައި، ކަސްޓަމަރުގެ އަރިހުން މައާފަށް އެދިފައިވާ ކަމަށާއި އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ޚިދުމަތްތައް ބައްޓަން ކުރުމައްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލާގައި ޝާމިލު ވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ނަމަވެސް ކުރިން މިކަހަލަ އެއްވެސް ކަމެއް އެ މުވައްޒަފުގެ ފަރާތުން ދިމާވެފައި ނުވާ ކަމަށްވެސް ވެމްކޯ އިން ބުނެއެވެ. އަދި ކުންފުނީގެ އިޖްތިމާޢި ޒިންމާގެ ދަށުން އެފަދަ އެކި ފަރުދުން ވެމްކޯގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވެ މަސްއޫލުވަމުން ކަމަށްވެސް ވެމްކޯ އިން ބުނެއެވެ.

ނަމަވެސް މައްސަލައިގެ ބާވަތުން އޭނާ ވަގުތީ ގޮތުން އެ ކޯޕަރޭޝަންގެ ހައުސްހޯލްޑް އޮޕަރޭޝަންތަކުން އެކަހެރިކޮށްފައިވާ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން ވަނީ އެ މައްސަލަ ބަލަމުންދާ މިދަނޑިވަޅުގައި ހަގީގަތް އޮޅޭ ގޮތަށް އަދި ވެމްކޯގެ އެއްވެސް މުވައްޒަފަކަށް ކުޑައިމީސްކޮށް ހަބަރު ނުފެތުރުމަށް އެދިފައެވެ.