Last Updated: March 28, 16:21
Thursday, March 28, 2024
ކުޅިވަރު

ގައުމީ ޓީމަށް ޔާމީން ކާމިޔާބީ އަށް އެދިވަޑައިގެންފި

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް ފުރިހަމަ ކާމިޔާބީއަކަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ އެކަކުން 16 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމަށް ޔާމީންގެ ފަރާތްޕުޅުންނާއި އެ ކޯލިޝަންގެ ލީޑަރޝިޕާއި ކައުންސިލާއި ކޯލިޝަނަށް ނިސްބަތްވާ އެންމެހާ މެންބަރުންގެ ފަރާތުން ފުރިހަމަ ކާމިޔާބީއަކަށް އެދޭ ކަމަށެވެ.

އެގޮތުން މިއަހަރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވިގެން ދާއިރު، 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ މިމުބާރާތުން ރާއްޖެ ހޯދި ފަދަ ފަޚުރުވެރި ކާމިޔާބަކަށް ވެސް ޔާމީން އެދިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ސާފް ޗެމްޕިއަންޝިޕްގެ ތަށި 3 ވަނަ ފަހަރަށް ހޯދުމަށް ރާއްޖޭގެ ޤައުމީ ފުޓުބޯޅާ ޓީމުން ނުކުންނަ އިރު، އެ ކާމިޔާބީ ހޯދުމުގައި ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ވެސް ޔާމީން އެދިވަޑައިގަންނަވާ ކަމަށް ބުނެފައިވެއެވެ.

"ހިތްހަމަނުޖެހުންތަކާއި، ޚިޔާލު ތަފާތުވުންތައް ހުރިނަމަވެސް، މި 16 ދުވަހަކީ ޤައުމީ ޖޯޝުން ފުރިގެންވާ 16 ދުވަހުގެ ގޮތުގައި ހެދުމަށާއި، އަދި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުން ހޯދާ ކޮންމެ ކާމިޔާބީއަކީ ފަރުދީ ގޮތުން ތިމާގެވެސް ބައިވެރިވުމާއެކު ލިބިގެންދާ ކާމިޔާބީއަކަށް ހެދުމަށްޓަކައި އެންމެހައި ރައްޔިތުން ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ޤައުމީ ޖޯޝާއެކު ޓީމަށް ހިތްވަރު ދިނުމަށް އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމުގައި ދަންނަވަން" އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން "ތިން ވަނަ ފަހަރު މީ އެފަހަރު" ކަމުގައި ހެދުމަށް ރައްޔިތުން ގުޅިގެން ޤައުމީ ޖޯޝާއި ފޯރީގައި ޤައުމީ ފުޓުބޯޅާ ޓީމަށް ހިތްވަރު ދިނުމުގައި ޕީ.ޕީ.އެމް. އާއި ޕީ.އެން.ސީ އޮތީ ތައްޔާރަށް ކަމަށްވެސް ބުނެފައިވެއެވެ.