Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ނާޒިލް ބަލިކޮށް ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަން އަންސަރަށް

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަން އަންސަރު މޫސާ ކާމިޔާބުކޮށްފިއެވެ.

މި އިންތިހާބު އަންސަރު ކާމިޔާބުކުރީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އާއި އިބްރާހިމް އަސްއަދާއި ވާދަކޮށެވެ. ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަން މިހާރު ކުރައްވަމުން ގެންދަވަނީ މެމްބަރު ނާޒިލް އެވެ.

މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އަންސަރު އުޅުއްވަނީ ނާޒިލަށް ވުރެ ބޮޑުތަނުން ކުރީގައެވެ. އެގޮތުން އެމްޑީޕީގެ ބައެއް އާންމުން އަންނަނީ ސޯޝަލް މީޑިއާގައި އަންސަރަށް މަރުހަބާ ކިޔަމުންނެވެ.

އަންސަރު އިންތިހާބު ކާމިޔާބުކުރިއިރު އެމްޑީޕީގެ އައްޑޫގެ ރައީސްކަން ކާމިޔާބުކޮށްފައިވަނީ އަހުމަދު ފައިސަލް އެވެ. ފައިސަލް އިންތިހާބު ކާމިޔާބުކުރީ ފާއިތުވި ދެ ދައުރުގައި އެ މަގާމު ފުރާފައިވާ އަހުމަދު އަދުހަމާއި ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެއެވެ. މި އިންތިހާބުގައި 300 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ އިންތިހާބަކާ ނުލާ ހޮވިފައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.