Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ރައީސްކަން ސޯބެ އަށް

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ރައީސްކަން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރައްވައިފިއެވެ.

ސޯބެ އިންތިހާބު ކާމިޔާބު ކުރެއްވީ ހުސެއިން އަބްދުލް މަޖީދު އާއި އަސްފަރު ވަހީދާއި ވާދަކޮށެވެ.

ސޯބެ އަކީ ފާއިތުވި 9 އަހަރު އައްޑޫގެ މޭޔަރުއެވެ. ސޯބެ ވަނީ ލާމަރުކަޒީ ގާނޫނު ވުޖޫދު ވުމުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އަތޮޅު ކައުންސިލަރުކަން ވެސް ކުރައްވާފައެވެ.

ސޯބެ ދާދިފަހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ސޯބެ މިކަން ހާމަކުރެއްވީ އައްޑޫލައިވް އިން ކްލަބްހައުސްގައި ކުރިއަށްގެންދިޔަ "އަހަފެލެ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ކެބިނެޓްގެ މަގާމުން ފުރުސަތެއް ލިބިއްޖެނަމަ ގަބޫލުފުޅުކުރައްވާނަންތޯ އެ ޕްރޮގްރާމުގައި ސުވާލުކުރެއްވުމުން ސޯބެ ވަނީ އެފަދަ މަގާމަކަށް ވުރެ ބޮޑަށް އިހުތިޔާރު ކުރައްވާނީ އިންތިހާބީ މަގާމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް ވެސް ހިދުމަތް ކުރެއްވުނީ ރައްޔިތުންގެ ޙާދިމެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ސިޔާސީ ކަންކަމަކީ ބަދަލުވަމުންދާ ކަމެއްކަން ސޯބެ ފާހަގަކުރެއްވިއެވެ.

"އެކަމަކު ޝައުގުވެރިކަން ބޮޑަށް ހުރީ އިންތިހާބީ މަގާމަކަށް އައުމުގެ" ސޯބެ ވިދާޅުވިއެވެ.