Last Updated: April 20, 18:41
Saturday, April 20, 2024
ރިޕޯޓް

މީދޫ ޓުއަރިޒަމް ޒޯނުން އަވަށުގެ މަލަމައްޗަށް ރީތިކަން!

މީދޫ ޓުއަރިޒަމް ޒޯން: ފޮޓޯ - ޙިޒްޔަމް

މީދޫ ޓުއަރިޒަމް ޒޯން މަޝްރޫޢަކީ އަވަށުގެ ރައްޔިތުން އެތަނަކާމެދު ވަރަށް ގިނަ އުންމީދުތަކެއް އޮތް މަޝްރޫޢެކެވެ. މުޅި މީދޫގެ އިޤްތިޞާދަށް އިންގިލާބެއް ގެނުވައިދޭނެ ޕްރޮޖެކްޓަކަށް މިތަން ވެގެންދާނެ ކަމާމެދު ރައްޔިތުންގެ މެދުގައި ދެބަސްވުމެއް ނެތެވެ.

މީދޫއަކީ ލޯކަލް ޓުއަރިޒަމް ދިވެހިރާއްޖޭގައި ތައާރަފް ކުރެވުނު ދުވަހުން ފަތުރުވެރިކަމުގެ އެކިއެކި ހަރަކާތްތައް ހިންގަމުން އަންނަ އަވަށެކެވެ. ގެސްޓްހައުސް ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި މީދޫގައި ކުރަމުން އަންނައިރު، ޓުއަރިޒަމް ޒޯނެއް ގާއިމު ކުރުމުގެ މަޝްރޫޢުވެގެން ދިޔައީ އަވަށުގެ ވިޔަފާރިވެރިންނަށް އުފާވެރި ޚަބަރަކަށެވެ. މީދޫގެ ޗާލުކަމާއި ނަލަކަން ދުނިޔެއަށް ހާމަކޮށްދިނުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އަވަށުގެ ފަޚުރުވެރި ތާރީޚް ބަޔާންކޮށްދިނުމަށް ލިބިގެންދިޔަ ފުޅާ ފުރުސަތަކަށެވެ.

މީދޫގެ ޓުއަރިޒަމް ޒޯން ސަރަހައްދަކީ މީގެ ކުރިން ހުސް ބިމެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ. ބިދޭސީން ކޮންމެ ހުކުރު ދުވަހަކު ކްރިކެޓް ކުޅެން އޮތް މައިދާނެކެވެ. އަވަށުގެ އާންމުންނަށް އެތަނުގެ އެއްވެސް ބޭނުމެއް ނުހިފެއެވެ. ކޮންމެއަކަސް، އައްޑޫގައި ޓުއަރިޒަމް ޒޯންތައް ގާއިމުކުރަން ނިންމުމާއެކު މި ސަރަހައްދު ވެފައިވަނީ އަވަށުގައި އޮތް އެންމެ ސަޅި އެއް ސަރަހައްދަށެވެ.

ޓުއަރިޒަމް ޒޯނު ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މި މަޝްރޫޢާގުޅޭ ގޮތުން މީދޫ އަވަށުގެ ކައުންސިލަރ އާމިނަތު ޞާލިޙާ ވިދާޅުވީ، މި ޒޯނަކީ އާންމު އިގްތިސާދަށް ނުހަނު ފާއިދާކުރާނެ ޕްރޮޖެކްޓެކެވެ.

"ރާއްޖޭގެ އިގްތިސާދުގައި މިއޮތީ މަސްވެރިކަމާއި ފަތުރުވެރިކަން. މީދޫގައި މަސްވެރިކަމެއް ނެތް. އެހެންކަމުން ފަތުރުވެރިކަމަކީ މީދޫގެ އިގްތިސާދަށް އޭގެއިން މަންފާކުރާނެ ކަމެއް" ޞާލިޙާ ވިދާޅުވިއެވެ.

ޓުއަރިޒަމް ޒޯނު ތަރައްގީކުރުމަށްފަހު އެ ދާއިރާއިން މީހުން ތަމްރީނުކުރަން ވިސްނުން ގެންގުޅޭ ކަމަށްވެސް ޞާލިޙާވަނީ ވިދާޅުވެފައެވެ. އެގޮތުން ޓުއަރިޒަމާ ގުޅުންހުރި ކަންކަމަށް މީހުން ނެރުމަށްވެސް ކައުންސިލަރު ސާލިހާގެ ވިސްނުން އެބަހުއްޓެވެ. މިކަމަކީ ރަށުގެ ޒުވާނުންނާއި އެހެނިހެން ފަރާތްތަކަށް ސީދާ އަދި ނުސީދާކޮށް އޭގެއިން ފާއިދާކުރާނެ ކަމެކެވެ. ޚާއްސަކޮށް އަމިއްލަ ވަޒަނުގައި ވަޒީފާތައް ލިބުމަކީ އަދުގެ ޒުވާނުންނަށް ލިބޭނެ ހިތްވަރެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މީދޫގެ އާންމުން ދެކޭ ގޮތުގައި މި ޕްރޮޖެކްޓަކީ އަވަށުގެ ކުރިއެރުމަށްޓަކައި ހިންގޭ އެންމެ މުހިންމު އެއް މަޝްރޫޢެވެ. ގިނަ ރައްޔިތުންގެ އެދުމަކީ މި ޒޯނުގެ ސަބަބުން ރައްޔިތުންގެ ޖީބަށް ފާއިސާވަދެ، ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެން ދިއުމެވެ. އަދި ރަށުގައި ތިބެގެން ރަނގަޅު ވަޒީފާތައް ހޯދުމުގެ ފުރުސަތު ފަހިވެގެންދިއުމެވެ.