Last Updated: May 8, 22:22
Wednesday, May 8, 2024
ރިޕޯޓް

މީދޫގެ ގިރާ ސަރަހައްދަށް ދާއީމީ ހައްލެއްގެ އިންތިޒާރުގައި

މީދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ވާހަކަ ދެކެވޭތަން އެތައް ޒަމާނެއް ވެއްޖެއެވެ. ކޮންމެ ވެރިއަކުވެސް ވާ އެއް ވައުދަކީ މި ސަރަހައްދު ހިމާޔަތްކުރުމެވެ. މި ސަރަހައްދަށް ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.

މި އަހަރުގެ ކުރީކޮޅު ގިރާ ސަރަހައްދުގައި ޖިއޯ ބޭގް ޖެހުމަށް ސަރުކާރުން ނިންމިއެވެ. އެއީ ވަގުތީ ހައްލެއްގެ ގޮތުގައެވެ. ދާއިރާގެ މެމްބަރު ރޮޒައިނާވެސް ބައިވެރިވެވަޑައިގެން އެތަނުގައި ޖިއޯ ބޭގް ޖެހުމުގެ މަޝްރޫޢު ފެއްޓެވިއެވެ. ދާއިމީ ހައްލެއް ވަރަށް އަވަހަށް ލިބޭނެހެން އެދުވަހު ހީވިއެވެ. ނަމަވެސް ކަން ހިނގަމުން އަންނަނީ ހީކުރި ގޮތަކަށް ނޫނެވެ. އަވަށުގެ ކައުންސިލަރުވެސް ވިދާޅުވީ ދާއިމީ ހައްލެއް ލިބޭނެކަމުގެ އެއްވެސް ވާހަކައެއް މިހާރުގެ ކައުންސިލުން ނުދައްކަވާ ކަމަށެވެ.

"ކުރިން މި ސަރަހައްދަށް ދާއިމީ ހައްލެއް ލިބޭނެކަމުގެ ވާހަކަ ދެކެވުނު. ނަމަވެސް މިހާރު އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަވާ." ސާލިހާ ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ޖަހާފައި ތިބި ބައެއް ޖިއޯ ބޭގުތައްވަނީ ހަލާކުވާން ފަށާފައެވެ. ބޮޑެތި ބިޔަ ރާޅު މުގުރާ ސަރަހައްދަކަށް އެތަން ވެފައި، އެއީ ވަގުތީކޮށްވެސް އެންމެ އެކަށީގެންވާ ހައްލެއް ނޫންކަމަށް ކައުންސިލަރުވެސް ވަނީ ވިދާޅުވެފައެވެ.

"ބައެއް ޖިއޯ ބޭގްތައް ހަލާކުވެފައި ހުރެގެން މިދިޔަ ހަފްތާގައިވެސް އެމް.ޓީ.ސީ.ސީއަށް ގުޅުއްވިން. އެބޭފުޅުން ވިދާޅުވީ ވަރަށް އަވަހަށް އެކަން ހައްލުކުރަން ޓެކްނިކަލް ޓީމެއް އެޓެންޑް ވާނެކަމަށް" ސާލިހާ ވިދާޅުވިއެވެ.

ކޮންމެއަކަސް، ގިނަ ރައްޔިތުން ދެކެނީ ޖިއޯ ބޭގްތައް ޖެހިފަހުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާކަމަށެވެ. ޚާއްސަކޮށް އެ ސަރަހައްދަކީ ވަރަށް ބޮޑަށް ގިރަމުން އައި ސަރަހައްދަކަށް ވުމާއެކު، މިއީ އާންމުންނަށް ލެވުނު ފުން ނޭވާއެކެވެ.

މީދޫގެ ރައްޔިތުން ތިބީ މި ސަރަހައްދަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެ ސަރަހައްދުގައި ދަނޑުވެރިކަން ކުރާ މީހުންގެ އެންމެ ބޮޑު އެދުމަކީވެސް މިއެވެ. އަވަށުގެ ތާރީޚާ ގުޅުންހުރި ބިނާތައްވެސް ކަނޑުވެފައިވާއިރު، ހައްދާ ދަނޑުގޮވާންތައް ސަލާމަތް ކުރެވޭނެ ގޮތެއް ވުމީ އެ ދަނޑުވެރިންގެ އާދޭހެވެ.