Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

2023 ގައި ރައްޔިތުން ވޯޓު ފޮށިން އިންސާފު ޤާއިމުކޮށް ވެރިކަން ބަދަލުކުރާނެ: އަލީ ވަހީދު

އަންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ފޮށިން އިންސާފު ގާއިމުކޮށް ވެރިކަން ބަދަލުކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކޮށް ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޝަރީއަތްތައް ފެށުމުން ބޭސްފަރުވާއަށް ކަމަށްބުނެ އިނގިރޭސިވިލާތަށް ވަޑައިގެންހުންނެވި އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަމިއްލަ ޕާޓީގެ ރައީސަށް ރައްކާތެރިކަން ކަށަވަރުކޮށް ނުދެވުނު ބަޔަކަށް، މަރުގެ ހަމަލާއަކަށް އިންސާފު ހޯދައިނުދެވުނު ވެރިކަމަކަށް، ދެން ތިބި ރައްޔިތަކަށް ހޯދައިދެވޭނެ އިންސާފެއް ނޯންނާނެ ކަމަށެވެ.

"އިރާދަފުޅުން 23 ގައި ރައްޔިތުން ވޯޓު ފޮށިން އިންސާފު ޤާއިމު ކުރާނެ. މި ވެރިކަން ބަދަލުކުރާނެ" އަލީ ވަހީދުގެ ޓްވީޓްގައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ދުރުކޮށް ދައުވާ އުފުލާފައިވާ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ވިސާގެ މައްސަލައެއްޖެހި ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަލީ ވަހިދު ވަނީ އެކި ފަރާތްތަކުގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވާފައެވެ. އޭގެފަހުން އަލީ ވަހީދު އަންނަނި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.