Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

ރ.އަތޮޅު ފެރީން ދޭ ހިދުމަތް މޯލްޑިވިއަން އަށް ވުރެ ރަނގަޅު!

ގައުމީ އެއާލައިން، މޯލްޑިވިއަންއާ މެދު އާންމުންގެ ޝައްކުވާ ނެތް އިރެއް ނުދެ އެވެ. ފްލައިޓްތައް ޑިލޭވެ އެއާޕޯޓްގައި އެތައް އިރަކު ތިބެން ޖެހުމާއި ބޯޓުތަކުގެ އިންފްލައިޓް ހިދުމަތްތައް ދަށްވުން އަދި މޯލްޑިވިއަން އިން ކޯލްތަކަށް ޖަވާބު ނުދޭ ޝަކުވާތައް އޮންނަނީ ފުނި ޖެހިފައެވެ. އޭގެ އިތުރަށް މޯލްޑިވިއަންގެ ޕައިލެޓުންނާއި ކެބިންކްރޫއިންގެ ޝަކުވާތަކަކީ ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވާ ކަމެކެވެ. މިފަދަ އެތައް ސަބަބަކާއި ހެދި މައްސަލަ ބޮޑު ހިދުމަތުގެ ފެންވަރު އެންމެ ދަށް އެއާލައިންގެ ޓެގު ދިވެހިން އަޅުވަނީ މޯލްޑިވިއަންގައެވެ.

މޯލްޑިވިއަންގެ އިންފްލައިޓް ހިދުމަތް ނުވަތަ ބޯޓުތެރޭގައި ދޭ ހިދުމަތްތަކުގެ ފެންވަރު ދަށް ވާހަކައަކީ އާންމުންގެ މެދުގައި އޮތް ޒަމާންވީ ޝަކުވާއެކެވެ. މޯލްޑިވިއަން އިން އާންމުކޮށް ކުރަނީ 30 ނުވަތަ 40 މިނެޓުގެ ދަތުރުތަކެއް ކަމަށްވީ ނަމަވެސް ރައްޔިތު މީހާ އެތައް އިރެއް ކުރިން އެއާޕޯޓަށް ދިޔުމުން ބޯޓު ޑިލޭވުން ފަދަ ކަންކަމާއި ޓްރާންސިޓް ކުރަން ޖެހުމުން ފަދަ ކަންކަމާއި ހެދި ދާން ބޭނުންވާ މަންޒިލަށް ދިޔުމަށް އެތައް ވަގުތުތަކެއް ނަގައެވެ. އެ ވަގުތުތަކުގައި ފަސިންޖަރު ފުއްދާލަން ޖެހެނީ ފްލައިޓުން ދޭ ހަމައެކަނި ޖޫސް ތަށްޓަކާއި ފެން ފޮދަކުންނެވެ. ރައްޔިތުންގެ އެދުމަކީ ބޮޑު ކެއުމެއް ނުދިނަސް ގައުމީ އެއާލައިނުން މިއަށް ވުރެ ފެންވަރު ރަނގަޅުކޮށްލުމެވެ.

މިސާލަކަށް ގާތްގަނޑަކަށް 600 ރުފިޔާ އަށް ދަތުރެއްކޮށްލެވޭ ރ.އަތޮޅު ފެރީ އަށް ބަލާލުމުން ވެސް ފުދެއެވެ. ހަތަރު ގަޑިއިރު ފެރީގައި ހޭދަކޮށްލަންޖެހޭއިރު ސޭންޑްވިޗަކާއި، ޖޫސް ޕެކެޓެއްގެ އިތުރުން ފެންފުޅިއެއް ދެއެވެ. 1200 ރުފިޔާ ދީފައި ވައިގެ މަގުން ކުރާ ދަތުރުގައި މިވަރުވެސް ކޮށްލެވޭކަށް ނެތީތޯއެވެ؟ ރައްޔިތުން ވެސް ހަގީގަތުގައި ޑިމާންޑުކުރަނީ މިވަރަށެވެ. ބިރިޔާނީ އާއި ނޫޑުލްސް އަކަށް ނޫނެވެ.

ފްލައިޓަކަށް އަދި ފެރީއަކަށް ވެސް ފަސިންޖަރުން އަރަނީ ކެއުމުގެ މަގުސަދެއްގައެއް ނޫނެވެ. ބޯޓުތެރޭގައި ދެވޭ ހިދުމަތްތަކަކީ ފަސިންޖަރު ހޯދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުވާނެ ކަމެކެވެ. މިކަން މިގޮތަށް ކުރުމުގެ ހިޔާލެއް މޯލްޑިވިއަންގެ ކުރީގެ އެމްޑީ މުހައްމަދު ރިޒްވީ ގެންގުޅުނެވެ. އެގޮތުން މަގާމާއި ހަވާލުވުމަށްފަހު މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި ރިޒްވީ ވަނީ މޯލްޑިވިއަންގެ ދަތުރުތަކުގައި ދަތުރުވެރިންނަށް ކޮންމެވެސް ކަހަލަ ލުއި ކާނާއެއް ދޭން މަސަައްކަތް ކުރަމުން އަންނަ ވިދާޅުވެފައެވެ. އަދި ހަތަރު މަހެއްހާ ދުވަސްތެރޭ އެކަން ފެށޭވަރު ވާނެ ކަމަށްވެސް ރިޒްވީ އޭރު ވިދާޅުވެފައިވެއެވެ. ނަމަވެސް ރިޒްވީ އެމްޑީގެ މަގާމުން ދުރަށް ދިޔައިރު ވެސް ލުއިކާނާ އާއްމުންނާއި ހަމައަށް އައިސްފައެއް ނުވެއެވެ.

މޯލްޑިވިއަންގެ ކުރީގެ އެމްޑީ ވެސް ގަބޫލުކުރެއްވި އެއް ހަގީގަތެއް އޮތެވެ. އެއީ ދަތުރުގެ ދިގުމިން ކުޑަ ނަމަވެސް ފަސިންޖަރުންނަށް އެއްޗެއް ސާވް ކުރުމަކީ ނުކުރެވޭނެ އަދި ރަނގަޅު ވެސް ކުރެވޭނެ ކަމެއް ކަމެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ގައުމީ އެއާލައިނުން ބީރު ކަންފަތެއް ދިނުމަކީ ހިތާމަހުރި ކަމެކެވެ.