Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޗިސްޗިސް ކޮށްލިޔަސް ޔާމީނަށްދޭ އަނިޔާތަކާ ދެކޮޅަށް ތެދުވާނަން

މެމްބަރު އާދަމް ޝަރީފް އުމަރު--

ޗިސްޗިސް ކޮށްލިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޖަލްސާގައި ރޭ ވާހަކަ ދައްކަމުން އާދަމް ޝަރީފް ވިދާޅުވީ ޔާމީނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުންދާނެ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ކަމުގައިވިޔަސް އަދި މަގުމައްޗަށް ނިކުމެގެން ކަމުގައިވިޔަސް އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ފިސް ފިސް ކޮށްލިޔަސް، ޗިސްޗިސް ކޮށްލިޔަސް އެ މަސައްކަތަށް ހުއްޓުމެއް ނެތްކަމަށް ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. އެއާއެކު ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު އިދިކޮޅުން އަންނަނީ ސުޕްރީމް ކޯޓުން ޔާމީން މިނިވަން ވާނެ ކަމަށް އުއްމީދު ކުރަމުންނެވެ.

މީގެއިތުރުން ރޭގެ ޖަލްސާގައި އިތުރަށް ވާހަކަދައްކަމުން އާދަމް ޝަރީފް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙް ބަދަލުކޮށް ޑިމޮކްރެސީގެ ނިޒާމު ގެނައުމުގައި އެންމެ ފުރިހަމަ މަސައްކަތްޕުޅުތަކެއް ކުރެއްވީ ވެސް ޔާމީން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެއްވެސް ޕާޓީއެއްގައި ނެތްވަރުގެ ވަރުގަދަ ސިޔާސީ ލީޑަރުން ސަރުކާރު ހިންގާ ކޯލިޝަންގައި އެބަތިބި ކަމަށާއި ނަމަވެސް އެ ސިޔާސީ ލީޑަރުން ލީޑަރުންނަށް ހައްދަވާދެއްވީ ވެސް ޔާމީން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ޔާމީނަކީ މިގައުމުގައި ސިޔާސީ ލީޑަރުން އުފެއްދެވި ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް 30 އަހަރު ސަރުކާރުގައި މަސައްކަތްކުރިއިރު އަބަދު ކިޔަން ޖެހުނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްއޭ. ކުޑަކުދިންނަށް ހީވެފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އެއީ އެމަނިކުފާނުގެ ނަންފުޅު ކަމަށް. އެބަދަލު މިއަދު އަޅުގަނޑުމެން މުޙައްމަދު ނަޝީދު ކަމަށް ވިޔަސް އިބްރާހީމް މުޙައްމަދު ސާލިހު ކަމަށްވިޔަސް، އެބަދަލު ގެނައުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލުމުގައި ރައްޔިތުންނާއެކީގައި އެންމެ ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅަކީ ރައީސް ޔާމީން" އާދަމް ޝަރީފް ވިދާޅުވިއެވެ.