Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

"ބެޔަސް ނުބެޔަށް" ވައުދު ފުއްދަން އުޅުނީ "ފޮތިގަނޑުގައި" އޮތްގޮތަކަށް ނޫން

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން--

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސްވެރިންނަށް ވެފައިވާ، "ބެޔަސް ނުބެޔަށް" ވައުދު ފުއްދުމުގެ ކަންކަން ކުރިއަށްގެންދިޔައީ "ފޮތިގަނޑުގައި" އޮތްގޮތަށް ނޫންކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ، ކުރީ ސަރުކާރުގެ "ބެޔަސް ނުބެޔަސް" ސިޔާސަތު ފެއިލްވީ ކީއްވެތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ހުސައިން ވިދާޅުވީ "ބެޔަސް ނުބެޔަސް" ވައުދު ކުރީ ސަރުކާރުން ތަންފީޒު ކުރީ އެ ވައުދު ވެފައިވާގޮތަށް ނޫންކަމަށެވެ.

އެގޮތުން ފޮތިގަނޑުގައި ލިޔެފައި އޮތީ ބެޔަސް ނުބެޔަސް ކޮންމެ މަސްވެރިއަކަށް 10،000 ރުފިޔާ ލިބޭނެކަމަށް ކަމަށާއި، އެހެންނަމަވެސް ވައުދު ތަންފީޒު ކުރެއްވީ އިންޝުއަރެންސް ސްކީމެއް ގޮތަށްކަމަށެވެ.

"މިސާލަކަށް 75 ފޫޓުން މަތީގެ ދޯނިފަހަރުގެ ކޮންމެ ފަޅުވެރިއަކު 6000 ރުފިޔާ ދައްކަންޖެހޭ. އެއީ އިންޝުއަރެންސެއް. އެމީހުން ދެއްކީމާ ދެން އެ އިންޝުއަރެންސް ސްކީމުން ބެޔަސް ނުބެޔަަސް ދޭންޖެހޭ ލާރިއެއް ދޭގޮތަށް އޮތީ." ޑރ. ހުސައިން ވިދާޅުވިއެވެ.

އަދި ކުރީ ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީން އެ ޕޮލިސީ ތައްޔާރުކޮށްފައިވަނީ ފޮތިގަނޑުގައި އޮތްގޮތަށް ނޫންކަމަށް ޑރ. ހުސައިން ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ "ބެޔަސް ނުބެޔަސް" ވައުދު ނުފުއްދި ދިއުމަކީ އޭރުގެ ސަރުކާރަށް ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި އެއްކަންތަކެވެ.