Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

އިދިކޮޅުގެ ޖަލްސާ ބުރާސްފަތި ދުވަހު ބާއްވަނީ

ފަސްކުރި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ބާއްވާ މި ޖަލްސާ ބާއްވަން އިދިކޮޅުން ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. ނަމަވެސް މޫސުން ގޯސްވުމުން އެރޭ ބާއްވަން ހަމަޖެއްސި ޖަލްސާ ވަނީ ފަސްކޮށްފައެވެ.

އިދިކޮޅުން މިއަދު ބުނީ މި ޖަލްސާ ބުރާސްފަތި ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މި ޖަލްސާ އަށް އެހެން ސިޔާސީ ޕާޓީތަކަށް ދައުވަތު ދިން ނަމަވެސް އެ ޕާޓީތަކުން އެ ދައުވަތު ގަބޫލުކޮށްފައި ނުވާ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން އަންނަނީ އެ ކޯލިޝަނުގެ ހަރަކާތްތައް އިތުރުކުރަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ މި މަހުގެ 10 ވަނަ ދުވަހު "އިންސާފު ހޯދަން" ނަމުގައި މާލޭގައި އިހުތިޖާޖުކޮށްފައެވެ. އަދި މި މަހުގެ ތިންވަނަ ދުވަހުގެ ރޭ އެ ކޯލިޝަނުން ވަނީ ކާނިވާ ސަރަހައްދުގައި "އައްޑަނަ" އިގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.