Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އަސްކަރީ އިއްޒަތުގައި ސުލްތާންގެ ޖަނާޒާ ބާއްވައިފި

އިންޑިއާގައި، ނެޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި އޮތް އެންޑިއުރެންސް ދުވުމެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ނިޔާވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ ޖަނާޒާ އަސްކަރީ އިއްޒަތުގައި މިރޭ ބާއްވައިފިއެވެ.

ސުލްތާންގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ މަޣުރިބު ނަމާދަށް ފަހު އާސަރަހާ މިސްކިތުގައެވެ. ސުލްތާންގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ސުލްތާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިނުވާއިރު، އެމްއެންޑީއެފުން ބުނީ ޕޯސްޓްމޯޓަމް ހަދާފައިނުވަނީ އާއިލާގެ އެދުމުގެ މަތިން ކަމަށެވެ.

ސުލްތާންގެ މަރާގުޅިގެން ޕޫނޭ ސިޓީ ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރ އާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައިވާގޮތުގައި، ފިޒިކަލް ޓެރޭނިންގެ ތެރެއިން ސުލްތާން ވެއްޓުމާއެކު ވަގުތުން އޭނާ ވަނީ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަން ހާމަކޮށްފައިވެއެވެ.

2018 އޭޕްރިލް 8 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިލެއްވި ސުލްތާން ފުރިހަމަ ކުރަމުންދިޔައީ 2021 މާޗް 1 އިން 2024 މާޗް 15 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.