އައްޑޫ ސިޓީން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 14 ކޭސްގެ ތެރެއިން 10 ކޭސް ފެނިފައިވަނީ ފޭދޫން ކަމަށާއި އަދި ދެ ކޭސް ހިތަދޫ އިން ފެނިފައިވާއިރު މަރަދޫ އާއި މަރަދޫފޭދޫން އެއް ކޭސް ފެނިފައިވާ ކަމަށެވެ.
މީގެތެރޭގައި ހިމެނެނީ ހަތް ޑައިރެކްޓް ކޮންޓެކްޓުންނާއި، ހަ ފްލޫ ސާމްޕަލްގެ އިތުރުން އެއް ޓްރެވެލް ސާމްޕަލް އެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ފޭދޫގައެވެ. އެގޮތުން ފޭދޫގައި ކޮވިޑްގެ 113 ކޭސް އުޅޭއިރު، މަރަދޫގައި 33 ކޭސް، ހިތަދޫގައި 62 ކޭސް، މަރަދޫފޭދޫގައި ހަ ކޭސް އަދި ގަމުގައި އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 215 އަށް އަރާފައެވެ.
އައްޑޫ ކޮވިޑް ފެސިލިޓީގައި ފަސް މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ ތިން މީހަކު ނިޔާވެފައެވެ.