Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ދިވެހި ބަހުން ތަގުރީރު ކުރަން އ.ދ އަށް ދާކަށް ނުޖެހޭ: ސަލީމް

މެމްބަރު އަހުމަދު ސަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހި ބަހުން ތަގުރީރު ކުރަން އ.ދ އަށް ދާން ކޮންމެހެން ނުޖެހޭ ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވެފައިމިވަނީ އދ. އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ބަހުން ތަގުރީރު ކުރެއްވުމާ ގުޅިގެންނެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަދައްކަމުން ސަލީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އ.ދ އަށް ވަޑައިނުގެންނެވުމުން ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު އެމަނިކުފާނު އުޅުއްވީ އ.ދ އިން އެއްޗެއް ހޯދަން ނޫން ކަމަށާއި އެއީ އެއްޗެއް ލިބޭ ތަނެއް ނޫން ކަމަށެވެ.

"ދިވެހި ބަހުން ތަގުރީރު ކުރަން އެތަނަށް ދޯ ދާންވީ؟ އަޅުގަނޑު ނުދެނަހުރިން ދިވެހި ބަހުން ތަގުރީރެއް ކުރަން އ.ދ އަށް ދާންޖެހޭ ކަމަކަށް. މިވަރުގެ ކަނޑުކޮސް ކަންތައް ކުރާ މީހުން ކިހިނެތް ގައުމުގައި ބޭތިއްބޭނީ؟ ދެން އެވެސް ރަނގަޅު ބަހަކުން ކުރަން ދިޔަނަމަ ރަނގަޅު" ސަލީމް ވިދާޅުވި އެވެ.

ރައީސް ސޯލިހު ފިޔަވައި އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި މިހާތަނަށް ދިވެހި ބަހުން ތަގުރީރު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. އެއީ 2006 ވަނަ އަހަރު އެވެ.

މިއީ ރައީސް ސޯލިހު އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވި ދެވަނަ އަހަރެވެ.