Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

އައްޑޫގައި ޓޫރިޒަމް ދުވަހަށް ބޭނުންވާ އުފާވެރިކަމެއް ނެތް: މައުސޫމް

އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ދުވަހަށް ބޭނުންވާ އުފާވެރިކަމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހާ ދިމާކޮށް ބަންދުކޮށްފައިވާ އައްޑޫގެ ދެ ރިސޯޓު ކަމަށްވާ ޝަންގްރިއްލާ އާއި ކެނަރީފް ރިސޯޓު ހުޅުވޭނެ ތާރީހެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.

އެ ދެ ރިސޯޓު ނުހުޅުވޭތީ އައްޑޫގައި ފާހަގަކުރަން ހަމަޖެހުނު ޓޫރިޒަމް ދުވަސް ވެސް ކުލަގަދަކޮށް ފާހަގަކޮށްފައެއް ނުވެއެވެ.

ރޭ ޕީއެސްއެމްގައި ވާހަކަދައްކަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ދުވަސް ކުލަގަދަކޮށް ފާހަގަނުކުރަން ނިންމީ ކޮވިޑް-19 އާއި ހެދި ކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށާއި ނަމަވެސް އެ ދުވަސް އައްޑޫގައި ކުލަގަދަކޮށް ފާހަގަނުކުރަން ނިންމީ ހަމައެކަނި އެ ސަބަބާއި ހުރެ ނޫން ކަމަށެވެ.

އެގޮތުން ކޮވިޑް ވެސް އެބައޮތް ކަމަށާއި ނަމަވެސް މައިގަނޑު ސަބަބަކީ އައްޑޫގައި ބަންދުކޮށްފައި އޮތް ދެ ރިސޯޓު ނުހުޅުވި އޮތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮވިޑް ވެސް އެބައޮތް. އެހެން ނަމަވެސް މި ދެންނެވި ގޮތަށް އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ދުވަހަށް ބޭނުންވާ އުފާވެރިކަމެއް ނެތް. އެހެންވީމަ އަޅުގަނޑުމެން ކައުންސިލުން އެގޮތަށް އެދުމުން ހެޔޮ ހިތުން ގަބޫލުކުރީ، މި ދުވަސްވަރު އެ އުފާވެރިކަން ނެތީމަ އެ ކަންތައްތައް ފާހަގަނުކުރަން" މައުސޫމް ވިދާޅުވި އެވެ.

ޝަންގްރިއްލާ އާއި ކެނެރީފް ބަންދުކޮށްފައި އޮތުމުން 500 އަށް ވުރެ ގިނަ ޒުވާނުންގެ ވަޒީފާ ގެއްލިފައިވާއިރު އެ ދެ ރިސޯޓު ބަންދު ކުރުމުގެ ގެއްލުމުގެ އަސަރު މުޅި އައްޑޫ ރައްޔިތުންނަށް ވެސް ވަނީ ކޮށްފައެވެ.