Last Updated: May 1, 20:59
Thursday, May 1, 2025
ޚަބަރު

އައްޑޫގެ މަގުތައް ހަދަން ބޭނުންވާ ވެހިކަލްތަކާއި ސާމާނު ގެނެސްފި

އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ އައްޑޫ މަގު ހެދުމުގެ ބޮޑު ޕްރޮޖެކްޓަށް ބޭނުންވާ ސާމާންތައް ގެނެސްފިއެވެ.

އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މަގު ހެދުމަށް ބޭނުންވާ ހެވީ ވެހިކަލްތަކުގެ ކޮންޓެއިނަރު މިއަދު ވަނީ އައްޑުއަށް އައިސްފައެވެ.

އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމާއި، މަގު ހެދުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

730 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢުގެ އަގަކީ 77،630،898 (ހަތްދިޔަ ހަތް މިލިއަން ހަސަތޭކަ ތިރީސް ހާސް އަށް ސަތޭކަ ނުވަދިޔަ އަށް) އެމެރިކާ ޑޮލަރެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ގާތްގަނޑަކަށް 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމަކާއި، އައްޑޫގެ ހުރިހާ އަވަށްތަކެއް ހިމެނޭ ގޮތަށް ޖުމުލަ 40 ކިލޯމީޓަރުގައި ތާރު އެޅި، އިތުރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމުލަ 3.4 ކިލޯމީޓަރު މަގުގެ ރީސަރފޭސިންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި ލިންކް ރޯޑް ޑީޓުއަރއެއްވެސް ގާއިމުކުރެވިގެން ދާނެއެވެ.

އައްޑޫގެ މަގުތައް ހެދުމުގެ ވާހަކަ އެތައް ފަހަރެއްގެ މަތިން ދެކެވެފައިވާއިރު، މިއަދާ ޖެހެންދެންވެސް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.