Last Updated: April 19, 10:32
Friday, April 19, 2024
ޚަބަރު

ޕޮލިސް ރީޖަންތަކަށް ކޮމާންޑަރުން އައްޔަންކޮށްފި

ޕޮލިސް ޑިވިޜަންތަކަށް ކޮމާންޑަރުން އައްޔަންކުރި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ - ޕޮލިސް

ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގެނެވޭ ބަދަލުތަކުގެ ތެރެއިން ޕޮލިސް ރީޖަންތަކަށް ކޮމާންޑަރުން އައްޔަންކޮށް މަގާމުގެ ލިޔުން ދެއްވައިފިއެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ރީޖަނަލް ކޮމާންޑަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ބައިވެރިވެލެއްވިއެވެ.

މިއީ ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގެނެވޭ ބަދަލެކެވެ. އެގޮތުން ސައުތު ޕޮލިސްގައި މިހާރު ގއ އާއި، ގދ އާއި، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެހެނިހެން ރީޖަންތަކަށްވެސް ކޮމާންޑަރުން ވަނީ އައްޔަންކޮށްފައެވެ.

ރީޖަނަލް ކޮމާންޑަރުން އައްޔަންކުރެވިފައިވާ ގޮތް:

  • އަޕަރ ނޯތު ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަހައްދު) – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް
  • ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދު) – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ
  • ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަހައްދު) – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ސަޠީޙް
  • ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ސަރަހައްދު) – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު

މީގެ ކުރިން ފުލުހުންގެ ޑިވިޜަންތައް ދެކުނަށް ބަހާލައިފައި އޮތީ ތ އަދި ލ އަށް ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން، ގއ އަދި ގދ އަށް އަޕަރ ސައުތު ޕޮލިސް ޑިވިޜަން، އަދި ޏ. ސ އަށް ސައުތު ޕޮލިސް ޑިވިޜަންއެވެ.

ރާއްޖޭގެ ވެރިކަންކުރާ މާލޭގެ ސަރަހައްދަށް ޚާއްސަކޮށް ކެޕިޓަލް ޕޮލިސް (މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ސަރަހައްދު) ވަނީ ކަނޑައަޅާފައެވެ.