Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ވިޔަފާރީތައް ސަލާމަތްކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ދުނިޔޭގެ ތައުރީފު ލިބެމުންދޭ

ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް--ފޮޓޯ ރައްޔިތުންގެ މަޖިލިސް

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރާއްޖެއަށް ކަމަށާއި އެހެން ނަމަވެސް ކޮވިޑާ ގުޅިގެން ވިޔަފާރީތައް ސަލާމަތްކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް މުޅި ދުނިޔެވެސް ތައުރީފުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް(ސައްލެ)ވިދާޅުވެއްޖެ އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން މިއަދު ސައްލެ ވިދާޅުވީ
ކޮވިޑާ ގުޅިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނި ރާއްޖެއަށް ކަން ދުނިޔޭގެ މާލީ އިދާރާތަކުގެ ރިޕޯޓްތަކުން ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ. ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން އެންމެ ފުރަތަމަވެސް މަސައްކަތްކުރީ ވިޔަފާރީތައް ސަލާމަތްކުރުމަށް ކަމަށް ވިދާޅުވި އެވެ.

" 169 މިލިއަން ޑޮލަރު ފުރަތަމަ މަރުހަލާގައިވެސް ވިޔަފާރީތައް ސަލާމަތްކުރުމަށް ސަރުކާރުން ކަނޑައެޅި. އެއީ އަޅުގަނޑުމެންގެ ޑީޖީބީގެ ތިނެއް އިންސައްތަ. އޭގެ ތެރޭގައި ވަޒީފާތައް ހިމާޔަތްކުރުމާއި ވަޒީފާ ނެތް މީހުންނަށް އެލަވަންސް ދިނުމާއި ކަރަންޓް ބިލުން ތިރީސް އިންސައްތަ އާއި ސަޅީސް އިންސައްތަ އާ ދެމެދުގެ އަދަދެއް ،ކުޑަކުރުމާއި ލޯނު ފަސްކޮށްދިނުމާއި މިހެން ގޮސް މިގެން ގޮސް ކިތަންމެ ކިތަންމެ ކަމެއް ސަރުކާރުން ވިޔަފާރީތައް ދެމެހެއްޓުމަށްޓަކައި ވިޔަވަޅުތައް ގޮތުގައި އެޅި،" ސައްލެ ވިދާޅުވި އެވެ.

ވިޔަފާރީތަކާމެދު އިހްމާލުވެފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ހޫނު ރައްދެއް

ކޮވިޑްގެ ބަލިކަޑުކަމާ ކުރިމަތިލާން ޖެހުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރާ ހަވާލުވިތާ ވަރަށް ކައިިރީގައިކަން ފާހަގަކުރައްވައި އޭގެ ކުރީ ސަރުކާރުން ރާއްޖޭގެ ވިޔަފާރީތަކަށް އިހްމާލުވެފައިވާކަމަށް ސައްލެ ވިދާޅުވި އެވެ. އެގޮތުން ވާލްޑް ބޭންކުން ކޮންމެ އަހަރަކުވެސް އާންމުކުރާ "އީޒް އޮފް ޑުއިން ބިޒްނަސް" (އީއޯޑީބީ) އިންޑެކްސްގައި މި ސަރުކާރު ހަވާލުވިއިރު އޮތީ ރާއްޖެ އޮތީ 147 ވަނައިގައިކަން ސައްލެ ފާހަގަ ކުރެއްވި އެެވެ.

ކުރީ ސަރުކާރުގައި ވިޔަފާރިވެރިންނަށް އޮތީ ބިރުވެރި ނާމާން މާހައުލެއް ކަމަށާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށްވެސް ސަަރުކާރުން އަޅާނުލި ކަމަށް ސައްލެ ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތް ހިނގީ މި ސަރުކާރުގެ ތެރެއިން ނޫންކަން އަޅުގަނޑުމެން އެންމެނަށް އެބަ އިނގޭ. ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ މެމްބަރުން ގެނައުމަށް އެމްޕީއެލްއިން 77 މިލިއަން ރުފިޔާ ޑޮލަރު ގަތުމުގެ ނަމުގައި ނެގީ މި ސަރުކާރުން ނޫންކަން އަޅުގަނޑުމެނަށް އެބަ އިނގޭ. މިއިން އެއްވެސް ލާރިއެއް އަނބުރާ ދައްކާފަ ނެތްކަން ވެސް އަޅުގަނޑުމެނަށް އެބަ އިނގޭ އަދި މި ހުރިހާ ކަމެއް ހިންގީ ކޮން ބައެއްކަންވެސް އަޅުގަނޑުމެނަށް ވަރަށް ސާފުކޮށް އެބަ އިނގޭ،" ސައްލެ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އަމިއްލަ ވިޔަފާރީތަކަށް ބިރު ދައްކައި ސިޔާސީ ނުފޫޒުފޯރުވުމާއި ވިޔަފާރިވެރިންގެ ހިތްތަކުގައި ނުތަވަސްކަން އުފައްދައި ވިޔަފާރީތަކުގެ އަގު ވައްޓާލީ ކުރީ ސަރުކާރުކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ކުރާ މަސައްކަތަކީ ވިޔަފާރީތަކަށް ފަހި ފަސޭހަ ފުރުސަތުތަކެއް ހޯދަދިނުން ކަމަށާއި ގާނޫނަށް ހުށައަޅާފައިވާ އެ އިސްލާހްގެ ބޭނުމަކީވެސް އެއީ ކަމަށް ސައްލެ ވިދާޅުވި އެވެ.

ރާއްޖޭގައި އަމިއްލަ ވިޔަފާރީގެ ގޮތުގައި 18000 ވިޔަފާރީ ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން 60 އިންސައްތައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީ އެވެ.